ބޮޑެތި ޖޫރިމަނާތަކާއެކު، ވޭޕް އެތެރެކުރުމާއި، ބޭނުން ކުރުމާއި، ވިއްކުމާއި ހިލޭ ބެހުންވެސް މަނާކުރުމަށް އިސްލާހު ހުށަހަޅައިފި

ބޮޑެތި ޖޫރިމަނާތަކާއެކު، ވޭޕް އެތެރެކުރުމާއި، ބޭނުން ކުރުމާއި، ވިއްކުމާއި ހިލޭ ބެހުންވެސް މަނާކުރުމަށް އިސްލާހު ހުށަހަޅައިފި

Author
ހުސައިން
23 އޮކްޓޯބަރ 2024 07:22
0

ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.

ހުށަހެޅުނު ބިލުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާވެގެންދާނެއެވެ. މި ގަވާއިދާ ހިލާފުވެއްޖެ ފަރާތެއް 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މީގެ އިތުރުން އެތެރެކުރެވޭ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.

މި ބިލުގެ ދަށުން ވޭޕް ވިއްކުމާއި، ހިލޭ ބެހުމާއި، އަދި ބޭނުންކުރުން ވެސް މަނާވެގެންދާނެއެވެ. ވޭޕް ވިއްކާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އިރު، ވިއްކާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ހިލޭ ބަހާ ފަރާތްތައް 10,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ވޭޕް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ވޭޕް ވިއްކުމާއި ހިލޭ ބެހުމުގައި ކުޑަކުދިން ބައިވެރިވާނަމަ، އިތުރު 50,000 ރުފިޔާއިން އެފަދަ ފަރާތްތައް ޖޫރިމަނާކުރެވޭނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.