ގޭގައި ކައްކައި ނުކެޔަސް ސިނގިރޭޓް ބޯން އެބަޖެހޭ، މި މިންވަރަށް ޑިއުޓީ ބޮޑުކުރުން ބަލައެއް ނުގަނެވޭ: ޢަފޫރު

ގޭގައި ކައްކައި ނުކެޔަސް ސިނގިރޭޓް ބޯން އެބަޖެހޭ، މި މިންވަރަށް ޑިއުޓީ ބޮޑުކުރުން ބަލައެއް ނުގަނެވޭ: ޢަފޫރު

Author
ހުސައިން
22 އޮކްޓޯބަރ 2024 12:28
0

ދިވެހިރާއްޖޭގެ ހާލަތު މިހާރު ގޮސްފައިވަނީ ނުކައި ބަނޑަށް ހުންނަން ޖެހުނު ކަމުގައިވިޔަސް، ސިނގިރޭޓު ގަނެގެން ނޫނީ ނުއުޅެވޭ ހިސާބުގައި ކަމަށާއި، ސިގިރެޓްގެ ޑިއުޓީ ބޮޑުކުރުން ބައލަި ނުގަނެވޭ ކަމުގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެންނަ އިޞްލާޙުތަކުގެ ބިލަށް ބަހުސްކުރެއްވަމުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ސިއްޙަތަށް ލިބޭ ގެއްލުމަކީ ޙަޤީޤަތެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ދެކޮޅެއް ނުހައްދަވާ ނަމަވެސް، މިހާރު ހުށަހަޅާފައިވާ މިންވަރަށް ބޮޑުކުރުމަކީ ހާލަތާ ނުގުޅޭ ބާރުގެ ބޭނުންކުރުމެކެވެ. ރާއްޖޭގައި 18 އަހަރުން މަތީގެ 40 ޕަސެންޓް މީހުން ދުންފަތް ބޭނުންކުރާއިރު، މިފަދަ ބޮޑު އަގެއް ޖެހުމަކީ ރައްޔިތުންނަށް ތަޙައްމަލުކުރެވޭނެ ކަމެއް ނޫނެވެ.

މިއަދު މި ހާލަތު އޮތް ވަރަކީ ގޭގައި ކައްކައި ނުކެޔަސް ގަންނަންޖެހޭ ސިނގިރޭޓު ގަނެގެން ނޫނިއްޔަކާ އުޅެވޭކަށް ނެތް އިއްޒަތްތެރި ރައީސް. އެއީ މި ގައުމުގެ ހާލަތު. އެެހެންވީމާ އެ ހާލަތަށް ވެއްޓިގެންދާއިރުގައި މި ހާލަތަށް އަގު އަރައިގެން ދިޔައިމާ ވާނެ ގޮތާ ދޭތެރޭގައި ހަމަ ވިސްނައިފައި އަޅުގަނޑުމެން ގޮތްތައް މިއަދު ނިންމަން ޖެހޭނީ ވެސް.

ޣަފޫރު ވިދާޅުވިއެވެ.

މީގެއިތުރުން، ޣަފޫރު ފާހަގަކުރެއްވި ގޮތުގައި ވޭޕާއި ސިނގިރޭޓުގެ ވިޔަފާރިއަކީ ފުޅާ ދާއިރާއެއްގައި ގިނަ ބަޔަކު އިންވެސްޓްކޮށްފައިވާ ވިޔަފާރިއެކެވެ. މި ނިންމުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭ ގެއްލުމުގެ ބަދަލު ދައުލަތުން ދޭނެތޯއާއި، ވޭޕް ބޭނުންކުރާ ފަތުރުވެރިން މިކަމާ ކުރިމަތިލާނީ ކިހިނެއްތޯ ވެސް ވިސްނަންޖެހެއެވެ.

ސަރުކާރުން މިހާރު ހުށަހަޅާފައިވަނީ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުމަށާއި، އެޑްވެލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުމަށެވެ. ޣަފޫރު ވަނީ ސިނގިރޭޓުގެ އަގު ބޮޑުކުރާއިރު، ރައްޔިތުންނަށް އުފުލޭނެ މިންވަރަކަށް އަގު ހިފެހެއްޓުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.