ވޭޕް ބޭނުންކުރުން އިންތިހާއަށް އިތުރުވީ ކުރީ ސަރުކާރުތަކުން އަމަލުކުރި ގޮތުން: ނާޒިމް

ވޭޕް ބޭނުންކުރުން އިންތިހާއަށް އިތުރުވީ ކުރީ ސަރުކާރުތަކުން އަމަލުކުރި ގޮތުން: ނާޒިމް

Author
ހުސައިން
22 އޮކްޓޯބަރ 2024 11:39
0

ރާއްޖޭގައި ވޭޕް ބޭނުންކުރުން އިންތިހާއަށް އާންމުވެގެން ގޮސްފައިވަނީ ކުރީގެ ސަރުކާރުތަކުން ވޭޕް ރެގިއުލޭޓް ނުކުރުމުގެ ސަބަބުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި، ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުގެ ބިލަށް ބަހުސްކުރެއްވުމުގައި ނާޒިމް ފާހަގަކުރެއްވި ގޮތުގައި، 2010 ގެ ކުރިން ވޭޕަކީ ކޮން އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގޭއިރު، އޭގެފަހުން މިކަން ވަރަށް ބޮޑަށް އާންމުވެގެން ގޮސްފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން 2021 ވަނަ އަހަރު 250،000 ވޭޕިން ޑިވައިސް އެތެރެކޮށްފައިވާއިރު، 2023 ވަނަ އަހަރު މި އަދަދު 390،000 އަށް އިތުރުވެފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް 253،000 ވޭޕިން ޑިވައިސް ވަނީ އެތެރެކޮށްފައެވެ.

ނާޒިމް ވިދާޅުވިގޮތުގައި، ވޭޕް މިހާ ބޮޑަށް އާންމުވެގެން ގޮސްފައިވަނީ ޓެކްސް ދެއްކުމުގައި މަކަރުހެދުމާއި އަގުހެޔޮކޮށް ވިއްކުމުގެ ފުރުސަތު އޮތުމުގެ ސަބަބުންނެވެ. ބޭރު ޤައުމުތަކުގައި ވޭޕުން ޓެކްސް ނަގަނީ ކޮންމެ މިލިގްރާމަކަށް ވަކި ރޭޓަކުން ކަމަށްވާއިރު، ރާއްޖޭގައި އެގޮތަށް ޢަމަލުނުކުރުމަކީ ވޭޕް އާންމުވުމަށް މަގުފަހިވި އެއް ސަބަބެވެ.

ނާޒިމް ވަނީ ވޭޕް މަނާކުރުމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކުރައްވާފައެވެ. ނަމަވެސް، ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމުން، ކަޅުބާޒާރުގައި ދަށް ފެންވަރުގެ ސިނގިރޭޓު އަގުހެޔޮކޮށް ވިއްކުމުގެ ފުރުސަތު އޮތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.