ސަރުކާރުން ސިނގިރޭޓުގެ އަގަށް ބޮޑު ބަދަލެއް ގެންނަން ނިންމުމާ ގުޅިގެން، ރޫޓް ފިހާރައިން ސިނގިރޭޓު ވިއްކުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ. މިގޮތުން، އާންމުކޮށް ރޫޓުން ސިނގިރޭޓު ގަންނަ ފަރާތްތައް ފިޔަވައި އެހެން މީހުންނަށް ސިނގިރޭޓު ވިއްކުން ހުއްޓާލައި، ރެޖިސްޓަރީ ކޮށްފައިވާ ފިހާރަތަކަށްވެސް ސިނގިރޭޓު ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ފަށާފައިވެއެވެ.
މި ބަދަލާ ގުޅިގެން މާލޭގައި ހުރި ރޫޓް ފިހާރައިގެ ކުރިމަތީގައި އާންމުން ކިއު ހަދާފައިވާކަން ފާހަގަކުރެވިފައިވެއެވެ. ރޫޓް ފިހާރަ ހިންގާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، މި ބަދަލު ގެންނަން ޖެހުނީ ސިނގިރޭޓުން ނަގާ ޓެކުހަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުން އިތުރަށް ސިނގިރޭޓު ގަނެ، ގުދަން ކުރަން މަސައްކަތް ކުރާތީ ކަމަށެވެ.
ނަމަވެސް، އާންމުކޮށް ރޫޓުން ސިނގިރޭޓު ގަންނަ ވިޔަފާރިތަކަށް، ކުރިން ވެސް ނަގަމުން އައި ރޭޓުން ސިނގިރޭޓު ދޫކުރަމުންދާ ކަމަށް ރާފިއު ފާހަގަކުރެއްވިއެވެ. އެގޮތުން، އާންމު ގޮތެއްގައި ވަކި އަދަދަކަށް ސިނގިރޭޓު ގަންނަ ވިޔަފާރިތަކަށް އެ އަދަދަށް ސިނގިރޭޓު ލިބޭނެކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިހާރު ވަކި ފަރާތްތަކަކުން އާންމުންނަށް ފައިސާ ދީގެން ސިނގިރޭޓު ގަންނަން ފޮނުވާތީ، އެކަން ހުއްޓުވަން ޖެހުނު ކަމަށާއި، މިހާރު ހަމައެކަނި ވިޔަފާރި ސެޓުފިކެޓު އޮންނަ ފަރާތްތަކަށް އާންމުކޮށް ނަގާ މިންވަރަށް ސިނގިރޭޓު ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.
ރާފިއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރިންވެސް ސިނގިރޭޓުގެ އަގަށް ބަދަލު އައުމާ ގުޅިގެން މިފަދަ ހާލަތެއް ކުރިމަތިވެފައިވެއެވެ. އޭރު ބައެއް މީހުން ސިނގިރޭޓު ގަނެ ރައްކާކޮށްފައި ބެހެއްޓުމުގެ ސަބަބުން ފަހުން ބައެއް ކާޓަންތަކުގައި ފީ ޖެހުމުގެ މައްސަލަ ކުރިމަތިވިއެވެ. ސިނގިރޭޓަކީ ވަކި ގޮތަކަށް ވަކި ޓެމްޕަރޭޗަރެއްގައި ގެންގުޅެންޖެހޭ އެއްޗެއްކަމަށާއި، ރަނގަޅަށް ނުބަލަހައްޓާ ފޮރުވައިގެން ގެންގުޅުމުން އޭގެ ފެންވަރަށް އަސަރުކުރާނެކަމަށްވެސް ރާފިއު ވިދާޅުވިއެވެ.
ސަރުކާރުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުމަށް ނިންމާފައިވާއިރު، މި ބަދަލާ ގުޅިގެން މިހާރު 105 ރުފިޔާއާއި 112 ރުފިޔާއާ ދެމެދުގައި ވިއްކަމުންދާ ސިނގިރޭޓު ފޮށްޓެއްގެ އަގު 300 ރުފިޔާއާ ހަމައަށް އަރާނެކަމަށް ލަފާކުރެވެއެވެ. މި ބަދަލުތަކަކީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރަމް ރޭޓް މަތިކުރުމަށް ގެނެވޭ ބަދަލުތަކެކެވެ.
ކޮމެންޓު ފޮނުވާ