ފެނަކައިގެ ލ.ގަމު މަތިމަރަދޫ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާކުރަން ފޮނުވައިފި

ފެނަކައިގެ ލ.ގަމު މަތިމަރަދޫ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާކުރަން ފޮނުވައިފި

2019 ވަނަ އަހަރު ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ ޙަވާލުވެ ހުރި އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.

މި މައްސަލައިގައި ދަޢުވާ ރައްދުވަނީ ލ. ގަން ތަރިވިދާގޭ ނަސްރުﷲ ޢަބްދުﷲ އަށެވެ. އޭސީސީން ބުނާ ގޮތުގައި، ނަސްރުﷲ އަށް ކުރެވޭ ތުހުމަތަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަޙަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.

މި މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނަސްރުﷲގެ އާއިލީ މަސްލަޙަތު އޮތް ކުންފުންޏެއް ކަމަށްވާ މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތް ޙަވާލުކުރެވިފައިވަނީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގަވާއިދާ ޚިލާފަށް، އާއިލީ މަސްލަޙަތު އޮތްކަން ފެނަކައަށް އެންގުމަކާ ނުލައެވެ.

އަދި މީގެ އިތުރުން، މަސައްކަތް ނިމުނުކަން ކަށަވަރުކުރުމަކާ ނުލައި، އަދި މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔެކިޔުންތައް ފުރިހަމަކުރުމަކާ ނުލައި، ނަސްރުﷲ ވަނީ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ނަސްރުﷲ ވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ އާއިލީ މަސްލަޙަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަޙްޤީޤުން ހާމަވެފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *