އިސްރާއީލު ބައިނަލްއަޤްވާމީ ފުޓްބޯޅައިން ސަސްޕެންޑް ކުރުމާމެދު ގޮތެއް ނިންމުމާއި ގުޅޭގޮތުން ފީފާއިން މަޝްވަރާކުރަން ފަށައިފިއެވެ.
އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމުގެ ހުށަހެޅުމެއް ފުރަތަމަ ހުށަހަޅާފައިވަނީ ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން އޭޕްރީލް މަހުގައެވެ. އަދި މި މައްސަލަ އޭގެ ފަހު މަހު ބޭއްވުނު ފީފާ ކޮންގްރެސްގައި އޮތީ ހުށަހަޅާފައެވެ. ޕީއެފްއޭ އިން ބުނެފައިވަނީ އިސްރާއީލުން ފީފާގެ ޤަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށެވެ. އިސްރާއީލުން މި ހުށަހެޅުމުގައިވާ ތުހުމަތުތައް ދަނީ ދެކޮޅުހަދަމުންނެވެ.
ޕީއެފްއޭގެ މި ފުރަތަމަ ހުށަހެޅުން އައިސްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ބޮންއެޅި ދުވަސްވަރުއެވެ. އަދި ބުރާސްފަތި ދުވަހު ފީފާ ކައުންސިލުން ނިންމުމެއް ނިންމާނެ ކަމަށް ލަފާކުރެވޭ އިރު، މިހާރު މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެ، އީރާނުވެސް މި ހަނގުރާމައިގެ ތެރެއަށް ވަދެފައިވާކަން ފާހަގަކުރެވެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ މެއި މަހުގެ ކޮންގްރެސްގައި ވިދާޅުވެފައިވަނީ ޕީއެފްއޭގެ ހުށަހެޅުމާ ގުޅޭގޮތުން މިނިވަން ޤާނޫނީ އެސެސްމަންޓެއް ހަދަންޖެހޭނެ ކަމަށާއި، އެ އެސެސްމަންޓް ޖުލައި މަހު ފީފާ ކައުންސިލުން މުރާޖަޢާކުރާނެ ކަމަށެވެ. ނިންމުމެއް ނިންމުމުގެ މުއްދަތު ޖުލައި މަހު އިތުރަށް ދިގުކޮށްފައިވާ އިރު، އޮގަސްޓް 31 ގައި ފީފާއިން ބުނެފައިވަނީ އެސެސްމަންޓް ލިބިފައިވާ ކަމަށާއި، އޮކްޓޯބަރުގައި ބޭއްވޭ ކައުންސިލް ބައްދަލުވުމުގައި ނިންމުމެއް ނިންމާނެ ކަމަށެވެ. ބުރާސްފަތި ދުވަހުގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ ޔޫކޭ ގަޑިން މެންދުރު 12:00 ގައެވެ.
މެއި މަހުގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން ޕީއެފްއޭގެ ރައީސް ޖިބްރިލް ރަޖޫބު ވިދާޅުވެފައިވަނީ: "ފަލަސްތީނު ފުޓްބޯޅަގެ އާއިލާއަށް ކިހާ އަނިޔާއެއް ލިބެންވީތޯ ފީފާއިން ފިޔަވަޅު އެޅުމުގައި އެހެން މައްސަލަތަކުގައި ޢަމަލުކުރި ބާރުމިނާއި އަވަސްކަން ގެންގުޅެން؟ ފީފާއިން ބައެއް ހަނގުރާމަތައް އަނެއްބައި ހަނގުރާމަތަކަށްވުރެ މުހިންމު ކަމަށް ދެކެނީތޯ އަދި ބައެއް މީހުންގެ ފުރާނަ އަނެއްބައި މީހުންގެ ފުރާނައަށްވުރެ އަގުބޮޑު ކަމަށް ދެކެނީތޯ؟"