އިޒްރޭލުން ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ހިސްބުﷲ މިލިޓަރީ ގްރޫޕުގެ ލީޑަރު ހަސަން ނަސްރަﷲ އަވަހާރަކޮށްލާ ގިނަ އަދަދެއްގެ އާންމުން މަރުވުމާ ގުޅިގެން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ އިޒްރޭލުން އެއްވެސް ބެލުމެއްނެތި އަޅަމުންދާ ބޮންތަކުގައި ހިސްބުﷲ ގެ ލީޑަރާއި ލުބްނާނުގެ އެތައް ސަތޭކަ ބަޔަކު މަރާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެ، ހަމަނުޖެހުން އިތުރަށް ފުޅާވުމުގެ ފުރުސަތު އޮތް ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. އަދި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކޮންމެ ދުވަހަކު ހިންގަމުން އަންނަ ޖަރީމާތަކުގެ ނަތީޖާއަކަށްވާނީ އެ ސަރަހައްދަށް ދުވަހަކު ވެސް ހަމަޖެހުން ނުލިބުން ކަމަށް ވިދާޅުވިއެވެ. ހަގީގީ އަމަން ގާއިމް ކުރެވޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބިގެން ކަމަށާއި، ހެޔޮ ވިސްނޭ ދުނިޔޭގެ ހުރިހާ ރައްޔިތުންނާއި މުސްލިމް ގައުމުތަކުގެ ލީޑަރުން އެއްބައިވެ، އިޒްރޭލާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް ފައްޔާޒް ގޮވާލެއްވިއެވެ.
އިޒްރޭލުން ލުބްނާނަށް ދިން މި ހަމަލާތަކުގައި މަދުވެގެން 11 މީހުން މަރުވެ، 108 މީހުން ޒަހަމްވެފައިވާ ކަމަށް ވެއެވެ. އަދި ސެޕްޓެމްބަރު 16 އިން ފެށިގެން އިޒްރޭލުން ލުބްނާނަށް ދެމުން އަންނަ ހަމަލާތަކުގައި 1030 މީހުން މަރާލާފައިވާއިރު، އޭގެ ތެރޭގައި 87 ކުޑަކުދިންނާއި 57 އަންހެނުން ހިމެނޭ ކަމަށް ވެސް ފާހަގަކުރެވެއެވެ.