އައްބާސްއަށް މަޖިލީހުން ރުހުން ދިނުން މިއަދު

އައްބާސްއަށް މަޖިލީހުން ރުހުން ދިނުން މިއަދު

Author
ހުސައިން
17 ސެޕްޓެމްބަރ 2024 09:46
0

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފަށް ރުހުން ދިނުމަށް ބާއްވާ ދައުރުން ބޭރުގެ ޖަލްސާ މިއަދު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޕީޖީގެ މަގާމު ހުސްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމުގެ މައްޗަށް ގިނަ މައްސަލަތަކެއް ފާހަގަކުރެވި، މަޖިލީހުން އޭނާ ވަކިކުރުމުގެ މަސައްކަތް ފެށުމުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ވޯޓު ނަގައި އޭނާ މަގާމުން ދުރުކުރުމަށް ފާސްކުރެވުނެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްބާސް ޝަރީފުގެ ނަން ހުށަހެޅުއްވިއެވެ. ޖުޑީޝަރީ ކޮމިޓީން އައްބާސްގެ ނަންފުޅު ދިރާސާކޮށް، އޭނާއާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލިއެވެ. އެހެންނަމަވެސް މުއްދަތު ހަމަވިއިރު އެއްވެސް ޝަކުވާއެއް ލިބިފައެއް ނުވެއެވެ. އޭގެފަހުން، ކޮމިޓީން އައްބާސްއާ އިންޓަވިއުކޮށް މާކްސް ދިނުމުން އޭނާއަށް 93.91 އިންސައްތަ މާކްސް ލިބި، ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރުމަށް ފާސްކުރެވުނެވެ.

އައްބާސް ޝަރީފަކީ ގާނޫނީ ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން އަދާކުރައްވާފައެވެ. އަދި 2011 އިން 2015 އަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވެއެވެ. މީގެ އިތުރުން، އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލުކަންވެސް ކުރައްވާފައެވެ.

އައްބާސް ޝަރީފު ވަނީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.