ދީޕިކާ ޕަޑުކޯން އަދި ރަންވީރު ސިންގް ވަނީ އަހަރުގެ ބޮޑުބައި އައިސޮލޭޝަންގައި ވަގުތު ހޭދަކުރުމަށްފަހު ފިލްމީ ދާއިރާގެ މަސައްކަތްތަކާ ގުޅިފައެވެ. ދީޕިކާ މިހާރު ވަނީ އޭނާ އެންމެ ފަހުން މަސައްކަތް ކުރަމުންދިޔަ ފިލްމުގެ ޝޫޓިންގތައް ނިންމާލާފައެވެ. ނަމަވެސް ރަންވީރު ގެންދަނީ ރޯހިތު ޝެއްޓީގެ "ސާކަސް"ގައި މިހާރު މަސައްކަތް ކުރަމުންނެވެ.
ދީޕިކާ ދާދިފަހުން ވަނީ ރަންވީރުގެ ލައިވް ރެޕް ސެޝަންއެއްގައާއި އޭނާ އެންމެ ފަހުން ހިއްސާކޮށްފައިވާ ފޮޓޯއެއްގައި ވަރަށް މަޖާ ކޮމެންޓެއްކޮށްފަ އެވެ.
ބުރާސްފަތި ދުވަހު ރަންވީރު މަތިމަހެއް ޖަހައިގެން ހުރި ފޮޓޯއެއް އޭނާގެ އިންސްޓާގުރާމުގައި ހިއްސާކޮށްފައި ވެއެވެ. ދީޕިކާ ވަނީ މި ފޮޓޯއަށް "އަމިއްލަ ހަށިގަނޑުގެތެރޭވާ ޗާލީ ދައްކާލަނީ ތޯ" ބުނެ ކޮމެންޓްކޮށްފަ އެވެ. ހަމައެއާއެކު މިފަހުން ރަންވީރު އިންސްޓާގުރާމުގައި ބޭއްވި ލައިވް ސެޝަންއެއްގައި އޭނާ ވަނީ ރެޕް ލަވައެއް ކިޔާލާފައެވެ. އަދި މި ރެޕަށް ދިޕިކާ ވަނީ "އޭނާގެ ބޮލުގައި އެބަ ރިއްސާކަމަށާއި މަޑުން ހުރުމަށް" ބުނެފައެވެ.
ފިލްމު "ސާކަސް" އަކީ ވިލިއަމްޝޭކްސްޕިއާގެ "ދަ ކޮމެޑީ އޮފް އެރޯސް" އަށް ހަދާ މަޖާ ފިލްމެކެވެ. އަދި މި ފިލްމުގައި ރަންވީރު ސިންގުގެ އިތުރުން ޕޫޖާ ހެގްޑޭ، ޖެކޮލީން ފެރްނާންޑެޒް، ވަރުން ޝަރްމާ، ޖޯނީ ލިވާ، ސަންޖޭ މިޝްރާފަދަ ތަރިން ފެނިގެންދާނެއެވެ. މިއީ ޑައިރެކްޓަރ ރޯހިތު ޝެއްޓީއާއިއެކު ރަންވީރު މަސައްކަތްކުރާތާ 3 ވަނަ ފަހަރެވެ.
އަނެއްކޮޅުން ދީޕިކ،ާ އަނަނިޔާ ޕާންޑޭއާއި ސިދްހަންތު ޗަތުރުވެދީ އާއެކު ޝޫޓިންގ ނިންމާލާފައިވާ ޝަކުން ބަޓްރާގެ ފިލްމަށް އަދި ވަކި ނަމެއް ދީފައެއްް ނުވެއެވެ. މީގެ އިތުރުން ދީޕިކާ އާއި ރަންވީރު އެކުގައި ފެނިގެންދާ ފިލްމު "83″ އަންނަ އަހަރު ރިލީޒްކުރަން މިހާރު އޮތީ ތައްޔާރަށެވެ
ކޮމެންޓު ފޮނުވާ