ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ އޯގަސްޓު މަހު 130 ފަރާތަކަށް 733،436.60 ރުފިޔާ އެހީގެ ގޮތުގައި ޚަރަދުކުރެވިއްޖެއެވެ. އެ މަހު އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 1،123،400.27 ދިވެހި ރުފިޔާއެވެ.
ޒަކާތު ފަންޑުން ބޭސްފަރުވާގެ ހަތަރު ކަމަކަށް އެހީ ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ކެންސަރު ބައްޔަށް 385،885.00 ރުފިޔާ، ހިތުގެ އޮޕަރޭޝަނަށް 25،443.00 ރުފިޔާ، ކިޑްނީ ބަލިތަކަށް ފަރުވާކުރުމަށް 157،205.00 ރުފިޔާ، އަދި ސިކުނޑީގެ އޮޕަރޭޝަނަށް 130،886.00 ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެ އިތުރުން، އެހެނިހެން ކަންކަމަށްވެސް ޒަކާތު ފަންޑުން ވަނީ އެހީދީފައެވެ. އެގޮތުން، ވަޤުފު އުފެއްދުމާއި އިދާރީ މުވައްޒަފުންގެ އުޖޫރައަށް ޖުމްލަ 4،125،500.27 ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. ވަޤުފު އިމާރާތް ބިނާކުރުމުގެ މަސައްކަތްތަކަށް 37،800 ރުފިޔާ ހޭދަކުރެވިފައިވާއިރު، ޒަކާތު މަސައްކަތްކުރާ މުވައްޒަފުންގެ އުޖޫރައަށް ޢާމިލުންގެ ބައިން 268،276.72 ރުފިޔާ ޚަރަދުކުރެވިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މި ތަފާސްހިސާބުތަކުން ދޭހަވަނީ ޒަކާތު ފަންޑުން ޞިއްޙީ ފަރުވާއަށާއި އިޖުތިމާޢީ ރައްކާތެރިކަމަށް އަހަންމިއްޔަތުކަން ދޭކަމެވެ. އަދި ވަޤުފު ތަރައްޤީކުރުމާއި ޒަކާތުގެ މަސައްކަތްތައް ހަރުދަނާކުރުމަށްވެސް ސަމާލުކަން ދެވޭކަން ފާހަގަކުރެވެއެވެ.