ތުރުކީން އިސްރާއީލާއެކީ ގުޅުން ބަދަހި ކުރަން ބެނުންވާ ކަމަށާ، އެހެންނަމަވެސް، އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ގެންގުޅެމުން އަންނަ ސިޔާސަތަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ސިޔާސަތެއް ނޫންކަމަށް ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން ވިދާޅު ވެއްޖެއެވެ.
އެރެދޮގާން ވިދާޅުވި ގޮތުގައި، ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރާނެ ގޮތްތަކާ ގުޅޭގޮތުން އިންޓެލިޖެންސް ލެވެލްގައި ވާހަކަތައް ކުރިޔަށް ދާކަމަށެވެ.
ހުކުރު ނަމާދަށްފަހު، ރިޕޯޓަރުންނާ ވާހަކަދައްކަވަމުން، އެރެދޮގާން ވިދާޅުވީ، އިސްރާއީލުގެ ވެރިންނާ ތުރުކީއާއި ދެމެދު މައްސަލަތައް އެބަހުރިކަމަށާއި، އެހެންނަމަވެސް، އެއީ ފަލަސްތީނާމެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކާ ގުޅުންހުރި މައްސަލަތަކެއް ނޫންނަމަ، ތުރުކީއާ އިސްރާއީލާ ދެމެދު އޮންނާނީ މިއަށްވުރެ ރަގަޅު ގުޅުމެއް ކަމުގައެވެ.
"އިސްރާއީލުން ފަސްތީނާމެދު ގެންގުޅޭ ސިޔާސަތަކީ އަހަރުމެން ދަމާފައި އޮންނަ ރަތް ރޮގެއް. އިސްރާއީލުން ފަލަސްތީނާމެދު ގެންގުޅެމުން އަންނަ ސިޔާސަތަކީ އަހަރުމެން ދުވަހަކުވެސް ގަބޫލުކުރާނެ ސިޔާސަތެއް ނޫން. އިސްރާއިލުގެ އަނިޔާވެރިކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އެރެދޮގާން ވިދާޅުވިއެވެ.
"އިސްރާއީލުގެ ވެރިނާމެދު މިދެންނެވި މައްސަލަ ނެތްނަމަ، މި ދެގައުމުގެ ގުޅުން ވަރަށް ތަފާތުވީސް. އަހަރުމެން ބޭނުން މިގުޅުން ބަދަހި ކުރަން."
ތުރުކީއަކީ، 1949 ވަނަ އަހަރު، އިސްރާއިލަކީ ދައުލަތެއް ކަމަަށް ގަބޫލުކުރި، މުސްލިމް މެޖޯރިޓީއެއް އޮންނަ ފުރަތަމަ ގައުމެވެ. އެރެދޮގާން ތުރުކީގެ ވެރިކަމަށް ވަޑައިގަންނަވަންދެން، މިދެގައުމުގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެކެވެ.
ފަހަކަށް އައިން، އަންކާރާއިން ވަނީ، އެތައް ފަހަރެއްގެ މަތިން، އިސްރާއީލުން ވެސްޓް ބޭންކުގެ ބިންތައް ހިފައިގެން އޮތުމާއި، އަދި ފަލަސްތީނާމެދު އަމަލް ކުރަމުންދާ ގޮތުން، އިސްރާއިލަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ތުރުކީން އިސްރާއީލާއެކު ގާއިމް ކޮށްފައޮރް ސިޔާސީ ގުޅުން ކަޑާލާފައިވަނީ، 2010 ވަނަ އަހަރު، އޭރު އެތައް އަހަރެއްވަންދެން އިސްރާއީލުން ގަޒާ ބަންދު ކޮށްފައިވަނިކޮށް، ފަލަސްތީނަށް އެހީގެ ތަކެތި ފޯރުކޮށް ދިނުމަށް މަސައްކަތް ކުރިން ކަޑުމަތީ އުޅަދުތަކެއް ހުއްޓުވައި އިސްރާއީލުގެ ކޮމާންޑޯއިން ދިން ހަމަލާތަކެއްގައި، ފަލަސްތީނަށް ތާއީދުކުރާ ތުރުކީގެ 10 ރައްޔިތަކު މަރުވުމާއި ގުޅިގެންނެވެ.
އިސްރާއީލުންވަނީ، 2007 ވަނަ އަހަރުންފެށިގެން، ކަޑުމަގުންނާއި، ވައިގެން މަގުންނާއި އެއްގަމު މަގުންވެސް، ގާޒާ ސިޓީ އެކަހެރި ކޮށްފައެވެ.
2016 ވަނަ އަހަރު، ދެގައުމުގެ ގުޅުން އަލުން ރަގަޅުވި ކަމުގައިވި ނަމަވެސް، 2018 ވަނަ އަހަރު އަލުން އަނެއްކާވެސް ވަނީ މިދެގައުމުގެ ގުޅުން ގޯސްވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ޓެލްއަވީވުން ޖެރޫސެލަމަށް ބަދަލުކުރުމާއި ގުޅިގެން، ގާޒާ ސްޓްރިޕްގައި މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން 2018 ވަނަ އަހަރު ތުރުކީންވަނީ އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބެސެޑަރު އަބުރާ ގައުމަށް ގެންދަވާފައެވެ.
އެރެދޮގާންއާ އަދި އިސްރާއީލުގެ ބޮޑުވަޒީރު ދޭތެރެ ދޭތެރެއިން ބަހުގެ ހަލަމާ ބަދަލު ކުރަމުންދިޔަ ނަމަވެސް، މިދެގައުމުން ކުރެވެމުންދާ ވިޔަފާރިތައް ހުއްޓުމެއް ނެތި ކުރިޔަށް ގޮސްފައި ވެއެވެ.
މިއަހަރުގެ އޮގްސްޓު މަހު، އިސްރާއީލުންވަނީ، ތުރުކީގެ އިސްތަމްބޫލުގައި ދިރިއުޅެމުންދާ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތުގެ މެމްބަރުނަށް ތުރުކީގެ ޕާސްޕޯޓު ދޫކުރަމުންދާ ކަމުގެ ތުހުމަތު ކޮށްފައެވެ. އިސްރާއީލުން ބުނެފައިވަނީ، މިއީ އެގައުމަށް ބަލައިގަންނަން ދަތި ކަމެއްކަމުގައެވެ.
ހަމާސްއިންވަނީ، 2007 ވަނަ އަހަރު، ފަލަސްތީނު އޮތޯރިޓީގެ ޗެއަރމަން މަހުމޫދު އައްބާސަށް ތާއީދު ކުރާ ބާރުތަކުގެ އަތްދަށުން ގާޒާ ސްޓްރިޕް އަތުލާ، އެ ސިޓީގައި ހަމާސްގެ ސަރަހައްދީ ވެރިކަމެއް ގާއިމް ކޮށްފައެވެ. އަދި އެއަށްފަހު، އިސްރާއީލުން ވަނީ ގާޒާ ހިސޯރުކޮށްފައެވެ. އަދި ފާއިތުވެދި ތަނުގައި 3 ފަހަރެއްގެ މަތިން އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ، ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ތުރުކީން ބުނެފައިވަނީ ހަމާސްއަކީ ގާނޫނީ ގޮތުން ސައްހަ ޖަމާއަތެއް ކަމުގައި އެގައުމުން ބަލައިގަންނާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ