ކޯވިޑް-19 ގެ ޕެންޑަމިކް ކުރިމަތިނުވިނަމަ މިހާރު ހުންނާނީ އާލިއާ ބަޓާއި ކައިވެނިކޮށްގެން ކަމަށް ރަންބީރު ކަޕޫރު ބުނެފި އެވެ.
ރަންބީރު ބުނެފައިވަނީ މީޑިއާތަކުން އެދެމީހުންގެ ކައިވެންޏާމެދު ދައްކަނީ ތެދު ވާހަކަތަކެއްކަމަށާއި، މިއަހަރުގެ ފަހުކޮޅު ކައިވެނިކުރަން ތައްޔާރުވަމުން ދަނިކޮށް ކައިވެނި ފަސްވީ ކޯވިޑު-19ގެ ސަބަބުން ކަމަށެވެ.
މި ލޮކްޑައުންގައި އާލިއާ އާއި ރަންބީރު ދިރިއުޅުނީ އެކުގައެވެ. ރިޕޯޓުތައް ބުނާގޮތުގައި ރަންބީރު ދިރިއުޅޭ އިމާރާތުން އާލިއާވެސް މިހާރު ވަނީ އެޕާޓްމެންޓެއް ގަނެފައެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނެފައިވަނީ ލޮކްޑައުންގައި އޭނާ ޓީވީ ބެލުމުގައި ހޭދަކުރި އިރު އާލިއާ ކުރިކަމަކީ އެކިކަހަލަ ކުލާސްތައް ނެގުންކަމަށެވެ. އާލިއާ ވަނީ ގިޓާ ކުލާސް ތަކުންފެށިގެން ސްކުރީންރައިޓިންގ ފަދަ ކުލާސްތަކުގައި ވެސް ބައިވެރިވެފަ ކަމަށް ރަންބީރު ބުނެފައިވެއެވެ. އެހެންކަމުން އާލިއާގެ ކައިރީގައި އޭނާއަކީ "އަންޑާ އެޗީވާ" އެއްގެ ގޮތުގައި ހީކުރެވޭކަމަށާއި އޭނާ އެއްވެސް ކުލާހެއްގައި ބައިވެރި ނުވެ އާއިލާއާއެކު ވަގުތު ހޭދަކުރީކަމަށް ރަންބީރު ވަނީ ބުނެފައެވެ.
މި ދެމީހުން އެކުގައި އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ބުރަހަމަސްތުރާ" އިންނެވެ. މި ފިލްމުގައި ރަންބީރާއި އާލިއާގެ އިތުރުން އަމީތާބް ބައްޗަން، ނަގަރްޖުނާ، މޮއުނީ ރޯއީ އަދި ޑިންޕަލް ކަޕާޑިއާ ފެނިގެންދާނެއެވެ.
ފިލްމުގެ ޕުރޮޑިއުސަރ އާޔަން މުކަރުޖީ ބުނަނީ ފިލްމަކީ މުޅިން ތަފާތު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއްކަމަށެވެ. ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ނެރޭ މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ އަންނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ