އިންޓަގްރޭޓެޑް ޓްއަރިޒަމަށް އައްޑޫ ހަންކެޑަ ތަރައްޤީކުރުމަށް ފެށި މަޝްރޫއުގައި ހިމެނޭ ބްރިޖުގެ މަސައްކަތް ނިންމާ އަންނަމަހު އާންމުންނަށް ހުޅުވާލެވޭނެކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވެފައިވަނީ ވިދާޅުވީ، ހަންކެޑެ ބްރިޖްގައި ތާރު އަޅާ މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތް ކަމުގައެވެ.
އެގޮތުން އަންނަ މަހުގެ މެދެއްހާ ހިސާބުގައި ހަންކެޑެ ބުރިޖު ބޭނުންކުރުމަށް އާންމުންނަށް ހުޅުވާލެވޭނެ ކަމުގައި ނިޒާރު ވިދާޅުވެފައި ވެއެވެ.
ހަތަރު ލޭންގެ މި ބްރިޖުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ ފާއިތުވި އޭޕްރިލް 16 ވަނަދުވަހުއެވެ. މި މަޝްރޫޢުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓްސް ހިމެނެއެވެ. މި ލިންކް ރޯޑުގެ ދިގުމިނުގައި 1.463 ކިލޯމީޓަރެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކޮށް 8000 އެނދު ތަރައްޤީކުރުމަކީ މިދިޔަ ސަރުކާރުގެ ވައުދެކެވެ. އަދި މި މަސައްކަތުގެ ދަށުން މި މަޝްރޫއު ހިންގުމަށްް މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން (އެމްއެފްްއެމްސީ) އިން ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.
ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގައި އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާ އެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ނިންމާލާފައެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މިދިޔަ ސަރުކާރުގައި ނިންމައި ސޮއިކުރި އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން މި ސަރުކާރުން އިފްތިތާހުކުރީ ފާއިތުވި މޭމަހުގެ 15 ވަނަދުވަހުއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންޤިގިލާބީ ބަދަލެއް ގެނުވައިދިނުމުގެ އިތުރުން، އައްޑޫސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މިއީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.
މި މަޝްރޫއުއާއެކު އައްޑޫގައި 1,500 ވަޒީފާ އުފެދޭނެ ކަމަށް އެމްއެފްއެމްސީން ލަފާކުރެ އެވެ. މިއީ 25,000 ޓޫރިސްޓުންނަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެކެވެ.
ރިއަލް އެސްޓޭޓުގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގެ ބިން ހިއްކުމާއި، ކުއްޔަށް ދިނުމުގެ ކަންކަން ބަލަހައްޓަނީ އެމްއެފްއެމްސީންނެވެ.