ވަޅިން ބިރު ދައްކައިގެން ފުލުހުން ހައްޔަރުކުރި މީހަކު 10 ދުވަހަށް ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ވަޅިއާއެކު އެވެ. އަދި ފުލުހުން މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެއްކަމަށްވެސް އެނގިފައި ވެއެވެ.
ކޯޓު އަމުރުގައި ވަނީ އެމީހާގެ މައްޗަށް ހުށަހަޅާފައިވާ ހެކީގެ ނިސްބަތަށް ބަލާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާކަމަށެވެ.
ކޯޓު އަމުރުގައިވާގޮތުން، ކޯޓަށް ހެކީގެ ގޮތުގައި، ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓުގެ އިތުރުން މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާންވެސް ކޯޓަށް ވަނީ ލިބިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭނާ އެސަރަހައްދުގައި އުޅުނު މީހުންނަށް ވަޅިން ބިރުދައްކައި އިންޒާރުދީފައިވެއެވެ. އަދި ސީނަށް ދިޔަ ފުލުހުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުން ވަޅިއެއް ފެނިފައިވާކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. އަދި އޭނާއަކީ މީގެ ކުށުގެ ރެކޯޑް އޮތް މީހެއްކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
އެގޮތުން އޭނާ ކުށް ތަކުރާރުކޮށްފާނެކަމުގެ ބިރު އޮތުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީީ އިޖުރާތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުގައި ބަހައްޓަން ފެންނަކަމަށް ގާޒީ އަމުރު ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ