މަޖިލިސް މެމްބަރުންނާއެކު ފުރާ އެންމެންނަށްވެސް ވީއައިޕީ ދޭން ނިންމި ނިންމުން ބާތިލް ކޮށްފި

މަޖިލިސް މެމްބަރުންނާއެކު ފުރާ އެންމެންނަށްވެސް ވީއައިޕީ ދޭން ނިންމި ނިންމުން ބާތިލް ކޮށްފި

Author
ޙަސަން މުޙައްމަދު
17 ޖުލައި 2024 10:37
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އާއިލާ ބޭފުޅުންނާއި، މެމްބަރުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން މިރޭ ބާތިލް ކޮށްފިއެވެ.

މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެވެ އެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.

މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމަށް މި ހުށަހެޅުން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އެވެ. އައިބީ ހުށަހަޅާފައި ވަނީ 19 ވަނަ މަޖިލީހުން މިކަމުގައި ނިންމާފައިވާ ގޮތަށް، މަޖިލިސް މެމްބަރުން ވީއައިޕީ ލޯންޖު ބޭނުން ކުރުމުގައި މެމްބަރުންގެ އާއިލާ ބޭފުޅުންނާއި، މެމްބަރުންނާ އެކު ފުރާ އެންމެންނަށް އެ ހިދުތަމް ފޯރުކޮށްދިނުމަށެވެ.

މި ހުށަހެޅުމަށް ތާއީދުކުރީ އަލިފުށީ ދާއިރާގެ މެމްބަރު އަބްދުލްލަތީފު އަބްދުއްރަހްމާން އެވެ. ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

މި ހުށަހެޅުމަށް ހިޔާލު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވީ މިކަމުގެ ނާޖާއިޒު ފައިދާތަކެއް މެމްބަރުން ނަގާނަމަ އެކަން ވަގުތުން ކޮމިޓީގެ ސަމާލުކަމަށް ގެނެސް އެކަން ހަމަޔަކަށް އަޅުވަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި އަޅުގަނޑުމެންނަކީ ކުޑަކުދިންނެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ގައުމުގެ ހާލަތާއި ހުރިހާ ކަމަކަށް ވެސް ބަލާފައި އަޅުގަނޑުމެންގެ މި ދަތުރުތަކާ އެއްޗެހި ރާވާއިރުގައި އެޔަށް އިތުރުވުމެއް ނާންނާނެ ގޮތަކަށް މި ކަންކަން ރާވާނެ ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން 2018 އިން 2020 ގެ ނިޔަލަށް ވީއައިޕީ ލައުންޖު ބޭނުން ކުރެއްވުމަށް 3.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ.

އާންމު ކޮމިޓީގެ ނިންމުން މިރޭ ބާތިލް ކޮށްފައިވަނީ، ސަރުކާރުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އަޅުއްވަމުން ގެންދާއިރު، ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލިހުން އެ ސިޔާސަތާއި އިދިކޮޅަށް މެމްބަރުންނަށް ވީއައިޕީ ހަމަޖެއްސުމަށް ނިންމުމުން، އާންމު ރައްޔިތުންގެ ފާޑުކިއުން މަޖިލިސް މެމްބަރުންނަށް ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.