އިދިކޮޅުން މުޒާހަރާ ކުރަނީ ސިޔާސީ މަގްސަދު ހާސިލްކުރަން: އަބުޅޯ

އިދިކޮޅުން މުޒާހަރާ ކުރަނީ ސިޔާސީ މަގްސަދު ހާސިލްކުރަން: އަބުޅޯ

Author
އަހުމަދު
12 ޖުލައި 2024 05:47
0

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އެކަމަށް ހުރަސް އަޅަން އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރަޝީދު (އަވަސް އަބުޅޯ) މިއަދު ވިދާޅުވެއްޖެއެވެ.

އަބުޅޯ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމުމާއި ރިސޯޓުތައް ހެދުމާއި ރާއްޖެ އަންނަ އެއާލައިންތަކުގެ އަދަދު އިތުރުކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ޑައިރެކްޓް ފްލައިޓުތައް ބޭއްވުން ހިމެނޭ ކަމަށް އަބުޅޯ ވިދާޅުވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގައި ގިނަ ރިސޯޓުތަކެއް ހުރުން މުހިންމު. މި ހުރިހާ ކުރިއެރުމެއް ގެންނަން މަސައްކަތް ކުރާތީ އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެގެން، ފިނޮޅުތަކާއި ގިރިގިރި އާއި ފަޅުތަކުގައި މުޒާހަރާ ކުރަމުންދާ ދިއުން ކުށްވެރި ކުރަން. މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކުރާ ކަމެއް." އަބުޅޯ ވިދާޅުވިއެވެ.

އަބުޅޯ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށްގެން ރައްޔިތުންނަށް ނަފާ ލިބޭނެ އެތައް މަޝްރޫއެއް މީގެކުރިން ހުއްޓުވި ކަމަށެވެ. އެކަމަކު، ދެން އެ މަގްސަދެއް ހާސިލެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދާނެ ކަންކަމަށް ހުރަސް ނާޅައި އިދިކޮޅު ފަރާތްތަކުން ވެސް ޒިންމާދާރުވާން ގޮވާލަން. އިންޝާ ﷲ، ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ފަތުރުވެރިކަމުގެ ދާއިރާ މެކުހަށް ޖަހާނެ." އަބުޅޯ ވިދާޅުވިއެވެ.

އަބުޅޯ އެގޮތަށް ވިދާޅުވީ ރިސޯޓު ހެދުމަށް ވ. ބޮޑުފިނޮޅު ކާނި ހޮޓެލްސް އަށް ކުއްޔަށް ދޫކުރި މައްސަލައިގައި ބަޔަކު މުޒާހަރާކޮށްފައި ވަނިކޮށެވެ. ވ. އަތޮޅު ކައުންސިލުން ބޭއްވި މުޒާހަރާގައި ބައިވެރިވީ ވަރަށް މަދު އަދަދެއްގެ ބަޔަކެވެ. އެ ތަނުގައި ގިނައިން ތިއްބެވީ ކައުންސިލަރުންނެވެ. އޭގެ އިތުރުން ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިއުޝާދު ވެސް އެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެމީހުންގެ ކަންބޮޑުވުމަކީ ފަޅުގައި ރިސޯޓު ހަދައިގެން އެކްސްކާޝަން ފަދަ ކަންކަން ނުކުރެވޭނެތީއެވެ. އޭގެ ސަބަބުން ގެސްޓްހައުސްތަކަށާއި ސަފާރީ އަދި ބައެއް ރިސޯޓުތަކަށް އޭގެ ގެއްލުން ލިބޭނެ ކަމަށް އެމީހުން ބުނެއެވެ. އެކަމަކު، އެ ތަން އެކްސްކާޝަނެއްގެ ގޮތުގައި ހިންގުމަށް ވުރެ ބޮޑަށް ފައިދާ ވާނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުންނެވެ. އެކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެއެވެ.

ބޮޑުފިނޮޅުގައި ރިސޯޓު ހަދަން ހަވާލުކުރީ ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ ރައީސް އަބްދުﷲ ނަޝީދުގެ ކުންފުނި ކާނި ހޮޓެލްސްއަށެވެ. ކާނި ހޮޓަލަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން ނިންމާފައި އޮތީ އެ ފަޅުގައި ހަތަރު ތަރީގެ 200 ކޮޓަރި ހިމެނޭ ރިސޯޓެއް ހުޅުވުމަށެވެ. އެ ތަނުގެ އަމަލީ މަސައްކަތް އޮކްޓޯބަރު މަހުގެ ތެރޭގައި ފެށޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.