ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ތިން ބިލެއް ދިރާސާ ކުރަން މަޖިލިހުގެ ކޮމިޓީތަކަށް މިއަދު ފޮނުވައިފިއެވެ.
ސަރުކާރުން މަޖިލިހަށް ހުށަހެޅި ތިން ބިލަކީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ކޮޕީ ރައިޓްގެ ބިލެވެ. މި ތިން ބިލު ވެސް މިހާރު ވަނީ މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރަން ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވައިފައެވެ.
މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ. ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ މާފުށި ދާއިރާގެ މެންބަރު ހުސެން ރިޒާ އާދަމްއެވެ.
ކޮޕީރައިޓް ގާނޫނުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.
މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ގައުމީ ތަރައްގީ އާއި ތަރިކަ އާ ބެހޭ ކޮމެޓީއަށް ފޮނުވަން ފާސްކުރީ ޖަލްސާގައި ބައިވެރިވި 82 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން ފާސްކުރީ ޖަލްސާގައި ބައިވެރިވި 81 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ކޮޕީ ރައިޓް ގާނޫނުގެ ބިލް އިގްތިސާދީ ކޮމެޓީއަށް ފޮނުވަން ފާސްކުރީ ޖަލްސާގައި ބައިވެރިވި 82 މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓު ފޮނުވާ