އަކްޝޭ ކުމާރާއި ސާރާ އަލީ ޚާން އެދެމީހުންގެ ފިލްމު "އަތުރަންގީ ރޭ" ގެ ޝޫޓިން އާގްރާގައި ވަނީ ފަށާފައެވެ. މި ފިލްމު ޝޫޓިންގެ ފޮޓޯތަކާއި ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މިދިޔަ ހޯމަ ދުވަހު ތާޖް މަހަލްގައި ކުރި ޝޫޓިންގގެ ބައެއް މަންޒަރު ވަނީ ފޭނުންނަށް ދައްކާލާފައެވެ.
އެގޮތުން ސާރާ ވެސް ވަނީ ބިހައިންޑް ދަ ސީންސް ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. ވީޑިއޯގައި ފެނިގެންދަނީ ސާރާ، އޭނާ އަމިއްލައަށް ހަދާފައިވާ ޅެމަކުން ފޭނުންނާއި އަކްޝޭ ކުމާރުގެ ހިތްއަތުލަން މަސައްކަތްކުރާތަނެވެ. ހިންދީ އާއި އިނގިރޭސި ބަސް މަސްހުނިކޮށް ޅެންބަރުހުވައިން ވާހަކަ ދައްކަން ފެށުމުން އަކްޝޭ ނިއްކުރީގައި އަތްލައި ބޯހޫރާލާތަން ފެނެއެވެ.
ހީކުރި ގޮތާއި ހިލާފަށް އަކްޝޭއަށް ޅެން ކަމުނުގޮސް ވަނީ އެއަށް ޖޯކު ޖަހާފައެވެ. އަދި ހިތްވަރާއެކު ކޮށްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބުވާނެ ކަމަށާއި ކުރިއަށް ގެންދިއުމަށް ސާރާކައިރީގައި ބުނެއެވެ. ސާރާ އާއި އަކްޝޭ ފެންނަނީ އިންޑިއާގެ ތާރީހީ ބިނާ ތާޖްމަހަލް ގެ ކުރިމަތީގައި ހުއްޓިގެން ތިބޭ މަންޒަރެވެ.
މި ފިލްމުގައި ސާރާ އާއި އަކްޝޭގެ އިތުރުން ސައުތު އިންޑިއަން ތަރި ދަނުޝްވެސް ލީޑު ރޯލުން ފެނިގެންދާނެއެވެ. ދަނުޝް މީގެކުރިން ވަނީ ސާރާ އާއި އަކްޝޭއާއެކު ސެޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އާނަންދު އެލް ރާއި ޑައިރެކްޓްކުރާ މި ފިލްމުން ސާރާގެ ޑަބަލް ރޯލު ފެންނާނެ ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ. ފިލްމަށް މިއުޒިކް ތައްޔާރުކޮށްދެނީ އޮސްކާ އެވޯޑް ހޯދާފައިވާ އިންޑިއާގެ ކުޅަދާނަ މިއުޒިކް ކޮމްޕޯސަރ އޭއާރް ރަހްމާނެވެ.
އަންނަ އަހަރު މި ފިލްމު ރިލީސްކުރުމަށް ހަމަޖެހިފައި އޮތްނަމަވެސް އަދި ވަކި ތާރީހެއް ނޭނގެއެވެ.
ކޮމެންޓު ފޮނުވާ