މިއަދު މަސްވެރިންނަށް 46 މިލިއަން ދޫކުރަނީ

މިއަދު މަސްވެރިންނަށް 46 މިލިއަން ދޫކުރަނީ

Author
ހުސައިން
13 ޖޫން 2024 11:50
0

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިއަދު 46 މިލިއަން ރުފިޔާ ދޫކުރާނެކަމަށް މިފްކޯއިން ބުނެފިއެވެ.

މަސްވެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވުމާއިއެކު މާލެ ސަރަހައްދުގައި މުޒާހަރާކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމުގެ ގޮތުން އެ ސަރަހައްދަށް ވަޑައިގެން މަޝްވަރާތައް ކުރައްވާ ހައްލުތަކެއް ލިބިގެންދާނެކަމުގެ ޔަގީކަން ދެއްވާފައެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިންވަނީ މި މައްސަލައިގައި އަމަލުކުރުމަށް ކަނޑައެޅިފައިވާގޮތުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާކޮށްފައެވެ. އެގޮތުން މަސްވެރިންނަށް ނުދެވި ހުރީ 80 މިލިއަނާއި ގާތްކުރާ އަދަދެއްގެ ފައިސާކަމަށާއި އެ ފައިސާއިން މިއަދުގެ ނިޔަލަށް 46 މިލިއަން ދޫކުރާނެކަމަށް ބުނެފައިވެއެވެ. އަދި ޕެންޑިންގައި ހުރި ފައިސާ ކްލިއަރކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރުކާރާއިއެކު މިފްކޯއިން މަސައްކަތްތައް ކުރަމުންދާކަމަށް މައުލޫމާތު ދީފައިވެއެވެ.

މިފްކޯއިން ބުނެފައިވާގޮތުން ކްރެޑިޓް އަދަދަކީ މަސްކިރާ މިންވަރެއްގެ މައްޗަށް އިތުުރުވާނެ އެއްޗެއްކަމަށެވެ. އެހެންކަމުން އަބަދުވެސް ދައްކަންޖެހޭނެ ފައިސާ ހުންނާނެކަމަށްވުމުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި މިނިސްޓަރު ޝިޔާމްވަނީ 3 އަހަރުގެ ތެރޭގައި މިފްކޯއަށް ސަބްސިޑީ ނުދީ ކުރިއަށް ގެންދެވޭ މަގެއް ފަހިކުރައްވާނެކަމަށް ވިދާޅުވެފައިކަމަށްވެސް ބުނެފައިވެއެވެ.

މިފްކޯއިން ބުނެފައިވާގޮތުން އެ ކުންފުނިންދަނީ ކަނޑުއޮށްގިރީގައި ހުރި ފެސިލިޓީ ހުޅުމާޅެއަށް ބަދަލުކުރުމަށް ފިޝަރީޒް އާއިއެކު މަޝްވަރާކުރަމުންކަމަށެވެ. އެހެންނަމަވެސް މިވަގުތު ކުންފުނިން 20 ރުފިޔާގެ ރޭޓުން މަސް ގަންނަމުންދާނެކަމަށާއި އެކަން ކުރާނީ ސަރުކާރުގެ ސަބްސިޑީގެ އެހީތެރިކަމާއިއެކުކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.