ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެދިވަޑައުގަތުމަށް ފަލަސްޠީނަށް އެހީވުމަށް ކުރިއަށް ގެންދިޔަ "ފަލަސްޠީނާއެކު ދިވެހިން" ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މަދާމާ ހަވީރު 06:00އާ ހަމައަށް އިތުރުކޮށްފިއެވެ.
އަދި، މި ޓެލެތޯންގެ ފައިސާއާ ބެހޭ ކަންކަން ބަލަހައްޓަމުން އަންނަ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސްއާ ހަވާލާދީ ޕީއެސްއެމުން ބުނެފައިވަނީ ރޭ ދަންވަރު 1:15 އާ ހަމައަށް 14.8 މިލިއަން ރުފިޔާ ފަންޑަށް ޖަމާވެފައިވާ ކަމުގައެވެ. މިފައިސާއަކީ އެކައުންޓަށް ޖަމާވި ފައިސާއާއި، ފަނޑު ފޮއްޓަށް އެޅި ފައިސާ ހިމަނައިގެން ޖަމާވެފައިވާ ޖުމްލަ ފައިސާއެވެ.
ކްރޯ މޯލްޑިވްސްއިން ބުނީ ނަގުދު ދިވެހި ރުފިޔާގެ ގޮތުގައި ޓެލެތޯނަށް 723،948ރ. ލިބިފައިވާ ކަމަށެވެ. އަދި 1343 ޑޮލަރާއި 81 ޔޫރޯ ހަމައެކަނި ފަންޑު ފޮށިތަކަށް ލިބިފައިވާ ކަމަށް ކްރޯ މޯލްޑިވްސް އިން ބުންޏެވެ. އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ޖަމާކޮށްފައިވާ އިރު، ޑޮލަރު އެކައުންޓަށް 33950 ޑޮލަރު ވަނީ ޖަމާކޮށްފައެވެ.
ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯން ކަވަރޭޖު ނިންމާލިޔަސް، އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، ފަލަސްތީނާއެކު ދިވެހީން ފަންޑަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ ވަގުތު އިތުރުކުރީ ބޭންކަށް ފައިސާ ޖަމާކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އިތުރު ފުރުސަތެއް ދިނުމަށް ކަމަށެވެ.
އޮންލައިންކޮށް ޓްރާންސްފާ ކުރުމަށް ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ކޮމެންޓު ފޮނުވާ