ކަރަންޓުގައި ޖެހުނު އުނގޫފާރުގެ ޒުވާނާ ނިޔާވި ހާދިސާއާއި ގުޅިގެން، އެ މައްސަލާގައި އިހުމާލުވި ފަތާތްތަކާމެދު ފިޔަވޅު އަޅާނެކަމުގައި ފުލުހުންގެ މުވައްސަސާއިން ބުނެފިއެވެ.
ކަރަންޓުގައި ޖެހުނު އުނގޫފާރުގެ ޒުވާނާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެ ޒުވާނާއަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން އަޙްމަދު ޝިފާން ނޫސްތަކަށް ވިދާޅުވީ، އެ މައްސަލަ އަދި ބަލައި ނުނިމޭ ކަމަށާއި މައްސަލަ ބަލައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އިތުރު ފަރުވާއަށް 18 އަހަރުގެ ޒުވާނާ މާލެ ގެނައިއިރުވެސް ހާލު ސީރިސްވެ އޮތީ ވެންޓިލޭޓަރުގައެވެ. ޒުވާނާއަށް ފަރުވާ ދެމުންދިޔައީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ފާއިތުވި މޭމަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން އެރަށު ހޮސްޕިޓަލަށް ގެންދެވުނީ 8 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ޒުވާނެކެވެ. މިކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނުނު 12 އަހަރުގެ އަންހެން ކުއްޖަކުވެސް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އެހެންނަމަވެސް އެ ކުއްޖާއާއި 8 އަަހަރުގެ ކުއްޖާ ފަހުންވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މިހާދިސާގައި ފުރަތަމަ ކަރަންޓުގައި ޖެހުނީ، މަގުމަތީގައި ކުޅެން އުޅުނު 8 އަހަރުގެ ކުއްޖާ މަގުމަތީ ފެންގަޑަށް އެރުމުންނެވެ. އަދި އެކުއްޖާ ސަލާމަތްކުރުމަށް ފެންގަޑަށް އެރުނު 18 އަހަރުގެ ކުއްޖާވެސް ކަރަންޓުގައި ޖެހުނީއެވެ.
ފެންގަޑަށް ކަރަންޓު ދޫވެފައި ހުރީ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެގެންނެވެ.
ކޮމެންޓު ފޮނުވާ