އެމްޑަބްލިއުއެސްސީގެ އިމާރާތަކުން ނަރުތަކެއް ވަގަށް ގެންދިއުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރާއި 43 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
އެމްޑަބްލިއުއެސްއީގެ އިމާރާތަކުން ވައްކަން ކުރިކަން އެނގުނީ އެ އިމާރާތައް އެކުންފުނީގެ މުވައްޒަފުން ވަނުމުންނެވެ. އަދި އެހާތަނުން މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައި ވާގޮތުން، އެމައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމާއެކު ފުލުހުން އެސަރަހައްދަށް ގޮށް ބެލި ބެލުމުގައި، ދެމީހެއްގެ އަމަލުތައް ހުރިގޮތުން ކުށެއް ކުރިކަމަށް ޝައްކު ކުރެވޭ ދެމީހަކު އެމްޑަބްލިއުއެސްސީ ދޮރާށި ކައިރިން ފެނިގެން އެމީހުންނާއި ސުވާލުކޮށްފައި ވެއެވެ. އަދި އެ ކުށުގެ އަމަލު ހިންގި ދެމީހުންނަކީ އެއީކަމަށް ޝައްކު ކުރެވި އެމީހުން ހައްޔަރު ކޮށްފައިވާކަމަށްވެސް ކޯޓުން ބުނެފައި ވެއެވެ.
އެ ދެ މީހުންގެ ތެރެއިން އެކަކު ހިނގާފައި އައި ސަރަހައްދު ފުލުހުން ބަލައިފާސްކުރުމުގެ ތެރެއިން އެތަނުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ފުރޮޅު މަތީގައި ހުދުކުލައިގެ ގޯންޏެއް އޮތްކަން ފުލުހުންނަށް ފެނުނުކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އަދި އެ ގޯނި ބެލިއިރު ގިނަ އަދަދެއްގެ ވަޔަރު ނަރު އެއިން ފެނުމާ ގުޅިގެން އެ ދެ މީހުންނާ ސުވާލުކުރުމުން އެއީ އެމީހުންނާ ގުޅުންހުރި އެއްޗެއް ނޫންކަމަށް ދެ މީހުން ބުންޏެވެ. ނަމަވެސް އެތަނަށް އެމްޑަބްލިއުއެސްސީގެ ސެކިއުރިޓީ އޮފިސަރެއް ހާޒިރުވެ އެ ދެ މީހުންނަކީ އެމްޑަބްލިއުއެސްސީ އޮފީހުން ވައްކަންކުރި ދެ މީހުންކަމަށް ބުނެފައިވާކމަަށް ފުލުހުން ބުންޏެވެ.
ކޯޓުން ފާހަގަ ކޮށްފައިވާ ގޮތުގައި އެ ދެމީހުން އެމްޑަބްލިއުއެސްސީގެ އިމާރާތުން ވައްކަން ކުރިކަމަށް ސީސީޓީވީ ކެމެރާއިން ރެކޯޑް ކުރެވިފައި ހުރިކަމަށް ސެކިއުރިޓީ އޮފިސަރު ބުނެފައިވެސް ވެއެވެ.
ދެމީހުން 15 ދުވަހަށް ބަންދުކުރުމަށް ނެރުނު އަމުރުގައިވާގޮތުން ދެމީހުންވެސް ކުށް ކޮށްފައިވާކަމުގެ ކޮންމެވެސް ވަރެއްގެ ހެކިތަކެެއް ލިބިފައި ވެއެވެ.
ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި، އެ ސަރަހައްދުގައި ހުރި ކެމެރާތަކުގެ ސީސީޓީވީ ފުޓޭޖުގެ ސްނެޕް ޝޮޓުތައްވެސް ހައްޔަރުގައި ތިބި ދެމީހުންނާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނެއެވެ.