މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މިހާތަނަށް 1 ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެއީ މިއަހަރަށް ބަޖެޓް ކޮށްފައިވާ އަދަދުގެ %45 އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަރަށް ބަޖެޓް ކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާގެ ދަރަންޏެވެ.
ސަރުކާރުން މިއަހަދު ލޯނަށް 1 ބިލިއަން ރުފިޔާ ދައްކާފައިވި ނަމަވެސް، ލޯން އިންޓަރެސްޓާއެކު ދެއްކި އަދަދު 1.6 ބިލިއަން ރުފިޔާއަށް އަރައެވެ. ދައުލަތުން ނަގާފައިވާ ލޯންތަކުގެ އިންޓަރެސްޓަށް 5.2 ބިލިއަން ރުފިޔާ ދައްކާން ޖެހެއެވެ.
ދައުލަތުގެ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު 126 ބިލިއަން އެމްވީއާރު އަށް ވަނީ އަރާފައެވެ.
ފިނޭންސް މިނިސްޓްރީގެ ކުއާޓަލީ ބުލެޓިންގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަންނަށް ވަނީ 1.4 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ ދަރަނި ހުރީ 124.8 ބިލިއަން ރުފިޔާގަ އެވެ.
ދަރަނި އިތުރުވުމަކީ މައިގަނޑު ގޮތެއްގައި ދިވެހިރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވުމުގެ ނަތީޖާއެވެ. މިދިޔަ އަހަރު ނިމުނުއިރު 72.8 ބިލިއަން އެމްވީއާރުގެ އެތެރޭގެ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 74 ބިލިއަން އެމްވީއާރު އަށް އަރައިފަ އެވެ.
އެތެރޭގެ ދަރަނި އިތުރުވި ނަމަވެސް ބޭރުގެ ދަރަނި އަދިވެސް އޮތީ 38 ބިލިއަން އެމްވީއާރުގަ އެވެ.
ޖުމްލަ ދަރަނީގެ ތެރެއިން ބަޖެޓުން މަރުކަޒީ ސަރުކާރުގެ ދަރަނި 112 ބިލިއަން ރުފިޔާގައި ހުރިއިރު، ސޮވަރިން ގެރެންޓީގެ ދަރަނި ހުރީ 14 ބިލިއަން ރުފިޔާގަ އެވެ.
ސޮވަރިން ގެރެންޓީގެ ދަރަނި ފުރަތަމަ ކުއާޓަރުގައި ގާތްގަނޑަކަށް 170 މިލިއަން ރުފިޔާއަށް ދަށްވެފައިވެ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަރުކަޒީ ސަރުކާރުން ޑޮމެސްޓިކް މާކެޓުން ނަގާފައިވާ ލޯނުތަކާއި ބޮންޑްތައް ވަނީ އިތުރުވެފަ އެވެ.
ޖީޑީޕީގެ އިންސައްތައެއްގެ ގޮތުގައި ދަރަނި މިދިޔަ އަހަރު ނިމުނުއިރު ހުރީ 116 ޕަސެންޓުގަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު 6.4 ޕަސެންޓް ދަށްވެ، 110 ޕަސެންޓަށް ވެއްޓިފައިވެ އެވެ.
2024 ވަނަ އަހަރުގެ އަހަރީ ބަޖެޓް ރިޕޯޓުގައިވާ ގޮތުން މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 131 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
ވޯލްޑް ބޭންކުން ބުނާ ގޮތުގައި މޯލްޑިވްސް އިގްތިސާދު 2024 ވަނަ އަހަރު 4.7 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ކުރިން ލަފާކުރި އަދަދަށް ވުރެ ދަށް އަދަދެކެވެ.
މި މަހުގެ ކުރީކޮޅު އާންމުކުރި އެންމެ ފަހުގެ ރިޕޯޓުގައި ގްލޯބަލް ފައިނޭންޝަލް އިންސްޓިޓިއުޓުން ވަނީ އާންމު ދަރަނި އިތުރުވުމުގެ ނުރައްކާތެރިކަމުގެ އިންޒާރު ދީފަ އެވެ.