ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ގަވައިދު އެކުލަވާލެވެން ދެން 19 ވަނަ މަޖިލީހުން އަމަލު ކުރަމުން އައި ގަވާއިދަށް އަމަލު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި 19 ވަނަ މަޖިލީހުގެ ހިންގާ ގަވާއިދަށް އަމަލުކުރަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.
ފަލާހް ހުށަހެޅުއްވީ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި 19 ވަނަ މަޖިލީހުގެ ގަވައިދާ އެއްގޮތަށް އާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު އާންމު ކޮމިޓީ އާ ހަވާލު ކުރުމަށެވެ. އަދި އަންނަ މަހުގެ 26 ގެ ކުރިން އެ މަސައްކަތް ނިންމައި މަޖިލިހުގެ ތަޅުމަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ހުށަހެޅުމުގައިވެއެވެ.
ފަލާހްގެ އެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 90 މެމްބަރުންގެ އިއްތިފާގުންނެވެ.