މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ލ. ކައްދޫ އަށް 82.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމު ކުރިއިރު، ލ. ކައްދޫ އަށް ވަނީ 82.3 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ދެވަނަ އަށް އެންމެ ގިނަ އިން ވާރޭ ވެހިފައި ވަނީ ލ. މާވަށެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ އިން ވާރޭ ވެހުނީ އދ. މާމިގިއްޔަށެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށް ރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގައިފައެވެ.
މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ވަނީ ގޯސްވެފައެވެ. އަދި ހަފްތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރު ކަނޑުތައް ގަދަވާނެތީ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ