ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރި މަކަރާއި ހީލަތުގެ މައްސަލަތަކުގެ ރިކޯޑް އޮތް ހުސައިން ޝިފާއު ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް އައްޔަންކުރިތާ 4 ދުވަސްފަހުން އޭނާ މަގާމުން ވަކިކޮށްފިއެވެ.
އޭނާ މި ސަރުކާރުގައި އައްޔަންކުރީ އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އޭނާއަށް ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމް ހަމަޖެއްސުމާއެކު މީޑިއާތަކުގައިވަނީ ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އޭނާއަށް މަގާމް ދެވިފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތުތައް ކުރިން ނުލިބި ހުރުމުން ކަމުގައެވެ. އަދި ހީނާ ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ތަފްސީލު ލިބުމާއެކު ކަމަށެވެ.
ސިޔާސީ މަގާމްތަކަށް އައްޔަންކުރާ ފަރާތްތަކުގެ ބެކްގްރައުންޑް މައުލޫމާތު ރައީސް އޮފީހުން ބަލަމުން އައިނަމަވެސް، ޝިފާއު މަގާމަށް އައްޔަން ކުރުމުގައި ކަން ދިމާވި ގޮތުން، ސިޔާސީ މަގާމްތަކަށް އައްޔަންކުރާ ފަރާތްތަކުގެ މައުލޫމާތު އިތުރު ސަމާލުކަމެއް ދީގެން ބެލުމަށް ހަމަޖައްސާފައިވާކަމަށްވެސް ހީނާ ވިދާޅުވެފައި ވެއެވެ.
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރި މަކަރާއި ހީލަތުގެ މައްސަލަތަކުގެ ރިކޯޑް އޮތް ހުސައިން ޝިފާއު ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާތީ އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ފާއިތުވި އަހަރު އޮގަސްޓުމަހު ނެރުނެވެ.
އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައި ވަނީ އޭނާ ބަންދުން ދޫކޮށްލުމުންނެވެ. ވަގު ޓީޓީ ބޭނުންކޮށްގެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މޭވާ އާއި ތަރުކާރީ އެތެރެކޮށްފައިވާ ޝިފާއު އަކީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި އޭޕްރީލް 18، 2021 ގައި ފުލުހުން ހޯދަން އިއުލާންކުރި މީހެކެވެ.
ނުރައްކަލެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ 2023 ވަނައަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ދޫކޮށްލިއިރު، އޭނާގެ ބަންދުން ދޫކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ޝިފާއު އޭރު އުޅޭ އެޑްރެސް ސާފް ކުރުމަށް ހައިކޯޓުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި 2023 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހުން ރާއްޖެއިން ބޭރަށް އޭނާ ފުރިފަހުން ރާއްޖެ އައިސްފައިވާކަން އެނގެންް ނެތް ކަމަށް އޮތް ކަަމަށެވެ. އޭގެ ދެ ދުވަސް ތެރޭގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އޭނާ ހާޒިރުކުރުމަށް ދިރިއުޅޭ އެޑްރެސް ސާފުކުރުމަށް ހައި ކޯޓުން ޕީޖީ އޮފީހުގައި އެދުނެވެ. ޝިފާއު 2023 ވަނަ އަހަރުގެ މެއި 29، ގައި ރާއްޖޭން ބޭރަށް ގޮސްފައިވާ ކަން އެނގިފައިވާ ކަމަށް އެ އޮފީހުން ހައި ކޯޓަށް އެންގީ 2023 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. އެހެންކަމުން ހައި ކޯޓުން ނެރުނު ހުކުމެއްގައި ވަނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ އެޑްރެސް ޕީޖީ އޮފީހަށް ނޭނގޭތީ، އެ އެޑްރެސް ސާފުކުރުމަށް ފަހު މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް މައްސަލަ ނިންމީ ކަމަށެވެ.
ހުސައިން ޝިފާއު، ފޭކް ޓީޓީ ދައްކައިގެން ރާއްޖެ އެތެރެކޮށް ވިޔަފާރިކުރަމުން ދިޔައީ މޭވާ އާއި ތަކުރާރީއެވެ. އެ މައްސަލާގައި ހިމެނޭ ފައިސާގެ ޖުމުލަ އަދަދު 123،844.54 އެމެރިކާ ޑޮލަރަކަށް އަރަ އެވެ. އެއީ 1،909،682ރ. އެވެ. އެ ފައިސާ ދައުލަތަށް ނެގުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެއެވެ. ޝިފާއުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ