ކޮންމެ މަންމައަކާއި ބައްޕައަކުވެސް ދަރިންނަށް އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ދީ، އެކަމުގެ ނަމޫނާ ދަރިންނަށް ދައްކަންޖެހޭނެ ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"ދަރީން ނަމާދަށް އަހުލުވެރި ކުރުވުން" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޡުބާގައި ވިދާޅުވީ މި ގައުމަށް މިއަދު މިވަނީ ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްގީއާއި ތަހުޒީބުގެ އާ އުސްމިން ތަކަކަށް ވާސިލް ވުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމުގައެވެ. އަދި މި މަސައްކަތް ކާމިޔާބު ވާނީ، ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހެދިގެން ކަމުގައިވެސް ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަޑު ޝަރުތަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާ، ހިތުން ތެދުކޮށް ގަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާ ކުރުމެވެ. އެއަށްފަހު ދެން އެންމެ އިސްކަން ދޭން ޖެހެނީ ނަމާދަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައި ވީހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެކެވެ.
ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޡުބާގައި ވިދާޅުވީ ދަރިންގެ ހިތްތަކުގައި މިސްކިތްތަކަށް ލޯބި ޖެއްސުމާއި ނަމާދަށް ޝައުގުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ހަދަން ޖެހޭ ކަމަށާއި، ކުޑަކުދިން މިސްކިތްތަކަށް އަހުލުވެރި ކުރުވުމުގައި ބެލެނެވެރިންގެ ސަމާލުކަން ނުހަނު ބޭނުންވާނެ ކަމުގައެވެ.
އެގޮތުން މިސްކިތްތަކުގެ އަދަބުތައް އެކުދިންނަށް ދަސްކޮށް ދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް އެކުދިންނަށް ކިޔައި ދިނުމަކީ މިސްކިތުގެ ޖަމާއަތަށް ހާޒިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭންޖެހޭ އިރުޝާދެއްކަމުގައި ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ