ރޯދައާއި ސުވާލު: ތަރާވީޙް ނަމާދަށް، އަންހެނުން މިސްކިތަށް ދިއުމަކީ ކޮންކަހަލަ ކަމެއް؟

ރޯދައާއި ސުވާލު: ތަރާވީޙް ނަމާދަށް، އަންހެނުން މިސްކިތަށް ދިއުމަކީ ކޮންކަހަލަ ކަމެއް؟

ފިތުނަވެރި ކަމުން ސަލާމަތްވެގެންވާ ނަމަ، މިސްކިތަށް ނަމާދަށް އައުމަކީ އަންހެން ކަނބަލުންގެ މައްޗަށް ހުއްދަވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ)[1] މާނައަކީ: "ﷲ ގެ މިސްކިތްތައް އެކަލާނގެ އަޅުއަންހެނުންނަށް މަނާ ނުކުރާ ހުށިކަމެވެ." ސަލަފުއް ޞާލިޙުންވެސް ކަންތައް ކުރެއްވީ މިގޮތަށެވެ. ނަމަވެސް، އެކަނބަލުން މިސްކިތަށް އަންނައިރު އަންނަންވާނީ ނިވާކޮށްގެންނެވެ. ވަނާތައް އެނގޭފަދަ ގޮތަކަށް ހެދުން އަޅާފައި ހުރެގެން ނުވާނެއެވެ. އަދި އެހެންމީހުންނަށް ވަސްދުވާ ގޮތަށް މީރުވަސްދުވާ ތަކެތި ލާފައި ހުރެގެންވެސް ނުވާނެއެވެ. އަދި އަޑުހަރުކޮށް، ޒީނަތްފާޅު ކޮށްގެންވެސް ނުވާނެއެވެ. ސޫރަތުއް ނޫރުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ‌ مِنْهَا  ) މާނައަކީ: "އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ!" ވީމާ، ޒީނަތުގެ ތެރެއިން ފާޅުވާ މިންވަރު (ޖިލްބާބުގެ ބޭރުފުށް) މެނުވީ ފާޅުކުރުން ހުއްދަވެގެން ނުވެއެވެ.  އަންހެން ކަނބަލުން ޢީދުނަމާދަށް މައިދާނަށް ނިކުތުމަށް އަމުރު ކުރެއްވުމާއި ގުޅިގެން އުއްމު ޢަޠިއްޔާ ރަޟިޔަﷲ ޢަންހާ- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ. (أَرَأَيْتَ إِحْدَاهُنَّ لَا يَكُونُ لَهَا جِلْبَابٌ ؟ قَالَ " فَلْتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا  )[2] މާނައަކީ: "އެކަނބަލުންގެ ތެރެއިން ކަނބަލެއްގެ އަތުގައި ޖިލްބާބެއް ނެތްނަމަ ހަދާނީ ކިހިނަކުންތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އޭނާގެ އުޚްތާގެ ޖިލްބާބެއް ލާނީއެވެ."

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *