އަޅުގަޑަކީ ކޮފީ އުފައްދާ ފެކްޓަރީ އެއްގައި މަސައްކަތް ކުރާ މީހަކީމެވެ. ވަރަށް ގިނަފަހަރަށް އޭގެ ރަހަ އާއި ވަސް ބަލަން ޖެހެއެވެ. މިގޮތުން ރޯދަ އަށް ހުރެ ރަހަ ބަލާނަމަ ހަށިގަނޑަށް އެއްވެސް ވަރެއް ނުދޭތޯ ވަރަށް ބޮޑަށް ބަލަމެވެ. އެހެންނަމަވެސް ރަހަބެލުމުގެ ސަބަބުން އަނގައިގާ ރަހަ އަކާއި ވަހެއް ހުރެއެވެ. ވީމާ، މިގޮތަށް ކޮފީގެ ރަހަބެލުމުގެ ސަބަބުން ރޯދަ ގެއްލޭނެތޯއެވެ؟
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:
ރޯދަ އަށް ހުރެ ކާ އެއްޗެހީގެ ރަހަބަލަން ޖެހިއްޖެނަމަ އެކަން ކުރުމަކީ ހުއްދަ ކަމެކެވެ. ހަށިގަނޑުގެ އެތެރެއަށް މިންވަރެއް ނުދާނަމަ ރޯދަ އަކަށް އޭގެ ސަބަބުން އަޘަރެއް ނުކުރާނެއެވެ. މިގޮތަށް ރަހަބެލުމުގައި ކޮފީ ވިޔަސް އަދި އެހެން އެއްޗެއްވިޔަސް ހަމަހަމަ ވެގެންވެއެވެ. އެއްވެސް ބޭނުމެއްނެތި ކާއެއްޗެއްގެ ރަހަ ބެލުމަކީ މަކްރޫހަ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ރޯދަ ބާޠިލް އެއް ނުވާނެއެވެ.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު- ވިދާޅުވެފައިވެއެވެ. "ތެލިން ނުވަތަ އެނޫންވެސް އެއްޗަކުން ކާއެއްޗެތީގެ ރަހަ ބެލުމަކީ ރޯދަވެރިޔާ އަށް ހުއްދަ ވެގެންވާ ކަމެކެވެ".
އިމާމް އަޙްމަދު ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނުގެ ގާތުގައި ބޮޑަށް ރަގަޅީ ރަހަ ނުބެލުމެވެ. ނަމަވެސް ރަހަބަލަން ޖެހިގެން ރަހަބެލި ނަމަވެސް އޭގެ ސަބަބުން ރޯދަ އަކަށް އަޘަރެއް ނުކުރާނެއެވެ". އަލްމުޣްނީ (4-359).
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ- ރަޙިމަހުﷲ- އެކަލޭގެފާނުގެ "ފަތާވާ އަލްކުބްރާ- ގައި ވިދާޅުވެފައިވެއެވެ. "އެއްވެސް ސަބަބަކާ ނުލާ ކާއެއްޗެތީގެ ރަހަބެލުމަކީ ރޯދަވެރިޔާގެ މައްޗަށް މަކްރޫހަވެގެންވާ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ރޯދަ ގެއްލޭވަރުގެ ކަމެއް ނޫނެވެ".
ޝައިޚް ޢުޘައިމީންގެ "ފަތާވާ އައްޞިޔާމް" އޭ ކިޔުނު ފޮތުގެ 356 ވަނަ ޞަފްޙާގައި ވެއެވެ. ކާއެއްޗެތީގެ ރަހަ ބެލުމުން ރޯދަ ގެއްލޭނެތޯއެވެ؟
ޖަވާބުގައި ވިދާޅުވެފައިވެއެވެ. "ދިރުވާ ނުލާނަމަ ރޯދަ އަށް ހުރެ ކާއެއްޗެތީގެ ރަހަ ބެލިޔަސް ވެސް މައްސަލަ އެއް ނެތެވެ. އެހެންނަމަވެސް ކޮންމެހެން ބޭނުންވެގެން ނޫނީ އެފަދަ ކަމެއް ނުކުރާ ހުށި ކަމެވެ. މިގޮތަށް ރަހަބަލާ އިރުގައިވެސް ގަޞްދަކާ ނުލާ ހަށިގަނޑުގެ ތެރެއަށް އެއިން އެތިކޮޅެއް ދިޔަނަމަވެސް ރޯދަ އެއް ނުގެއްލޭނެއެވެ". والله أعلم