130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޝަހީބުގެ މައްޗަށް ބޮޑު 3 ދަޢުވާއެއް

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޝަހީބުގެ މައްޗަށް ބޮޑު 3 ދަޢުވާއެއް

Author
މުޙައްމަދު ޖިމީ
18 ޑިސެމްބަރ 2020 09:11
0

ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލާގަތް މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހީމްގެ މައްޗަށް ބޮޑު ތިން ދައުވާއެއް އުފުލައިފިއެވެ.

ޚަބަރު އޮންލައިނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 2 ދަޢުވާއާއި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ދަޢުވާއެވެ. މިއިން ކޮންމެ ދަޢުވާއަކުންވެސް 25 އަހަރުގެ ޖަލު ޙުކުމާއި. 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާއެއް އަންނާނެއެވެ.

މިމައްސަލާގައި ޝަހީބު ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ޝަރީޢަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން ކުރި ޢަމުރު އޭނާ ވަނީ ސުޕްރީމް ކޯޓްގައި އިސްތިއުނާފްކޮށްފައެވެ.

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޝަހީބް އިބްރާހީމާއެކު 7 މީހަކު ހައްޔަރުކުރިއެވެ. އޭތެރޭގައި ހިމެނޭ 6 މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންކަމަށާއި، ދެން މިމައްސަލާގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުދިންކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނެފައިވަނީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރުމުން، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ކަންނެލި ދޯނިން ފުލުހުން ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ. މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި މީހަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަހްމަދު މޫސާކަމަށް ފުލުހުން ބުނެއެވެ. މި ދެމީހުންގެ ތެރެއިން ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ބުނެއެވެ

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.