މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި އެހެން ގައުމަކަށް ހަމަލާދިނުމަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ގައުމަކަށް ނުދޭނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ދެއްވައިފިއެވެ.
މި ހަނގުރާމައާ ގުޅިގެން ރާއްޖެއާއި ދިވެހިންގެ ސަލާމަތީ ކަންކަން ބެލެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަސްކަރީ ބޭނުންތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމަށް ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމަކަށް ދިވެހިރާއްޖޭގެ ޖައްވު ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށާއި، އެފަދައިން އަންނަ ހުރިހާ ހުށަހެޅުންތަކެއް ސަރުކާރުން ދަނީ ރިޖެކްޓު ކުރަމުންކަމަށް ޚަލީލް ވިދާޅުވިއެވެ.
ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން މެދުއިރުމަތީގެ އެކި ގައުމުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރާއި މުދާ އުފުލުމުގެ ނިޒާމަށްވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ނުރައްކާތެރި ދަނޑިވަޅުގައި އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީއާއި ދިވެހި އެމްބަސީތައް ގުޅިގެން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށާއި، ބޭނުންވާ ފަރާތްތަކަށް ވަގުތުން ވަގުތަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް މިނިސްޓަރު ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ