މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ ވިއުގައިން ގުޅުވާލަދޭ “އިންޓަރކަނެކްޝަން” ވިއުގަ ކޭބަލް މައްޗަށް ދަގަނޑު ޖަހާތީ ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ސްޓެލްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑުގައި ހިމެނޭkV 132 ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި، އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަނގަޑުފަދަ ތަކެތި ޖަހަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
“ދައުލަތުން ޚަރަދުކޮށް، ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ މި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ ވިއުގައަކަށްވާއިރު، މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގަ.
ސްޓެލްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.
ސްޓެލްކޯއިން އެ ނޫސްބަޔާނުގައި ބުނެފައިވަނީ މާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނުން ނިކުންނަ، މިވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުންގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނާ ހަމަޔަށް ކަމަށާއި އަދި މިވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއްވެސް ހުޅުމާލެއިން މާލެއަށް މިވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މި ވިއުގައަށް ގެއްލުންވެއްޖެ ނަމަ، މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށެވެ.
މިއީ އެނަރޖައިޒް ކޮށްފައިވާ ވިއުގައަކަށްވުމުން، މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ، މިއީ އެ ދަނގަޑު ޖަހާ ފަރާތުގެ ފުރާނައަށްވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމެއްކަން ސްޓެލްކޯއިން ފާހަގަކުރެއެވެ. އަދި މީގެ އިތުރުން މި ވިއުގައަށް ގެއްލުމެއް ލިބިއްޖެނަމަ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތައް ބުރޫއަރައި، އެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެކަންވެސް ފާހަގަކޮށްފައިވެއެވެ.
މިވިއުގައިގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި މިކުންފުނިން ހިއްސާކޮށްފައިވާއިރު، މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި، މަގުކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، މިކަންކަމަށް އިތުރު ސަމާލުކަންދީ، މިވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި، ކަރަންޓުގެ ޚިދުމަތައް ބުރޫ ނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުންގެންދިއުމަށް އިލްތިމާސް ކުރަން.
ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ވިއުގައިގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ދަންނަވާކަމަށާއި އަދި މިއާޚިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދަޢުވާކޮށް، މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމުގައިވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ