ފީފާއިން ހޮވާ "ދަ ބެސްޓް" ފީފާ އެވޯޑު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލޭންޑްގެ ރޮބަޓް ލެވަންޑޮސްކީ އަށް ލިބިއްޖެއެވެ.
މިއީ މި އެވޯޑް އޭނާއަށް ލިބުނު ފުރަތަމަ ފަހަރެވެ. މިރޭ ބޭއްވި އެވޯޑް ނައިޓްގައި އޭނާއާއި އެންމެ ގާތުން މި އވޯޑަށް ވާދަކުރީ ބާސާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއެވޯޑް މިރޭ ހާސިލް ކުރި ލެވަންޑޯސްކީ ވަނީ އެންމެފަހުގެ ޖަރުމަނު ލީގާއި އެންމެ ފަހުން ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގާއި ޖަރުމަނު ކަޕާއި ޖަރުމަނު ސުޕަ ކަޕުގެ އިތުރުން ޔޫރަޕިއަަން ސުޕަ ކަޕް ބަޔާން މިއުނިކަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ނިމިދިޔަ ސީޒަނުގައި ލެވަލްޑޮސްކީ ކުޅުނު 47 މެޗުގައި 55 ގޯލު ބަޔާން މިއުނިކަށް ކާމިޔާބުކޮށްދީފައެވެ.

މި އެވޯޑު އެންމެފަހުން ހޯދާފައިވަނީ މެސީއެވެ. މެސީ ވަނީ މިދިޔަ ސީޒަނުގައި އޭނާ ބާސާއަށް ކުޅުނު 44 މެޗުން 31 ގޯލު ވަނީ ޖަހާފައެވެ. ރޮނާލްޑޯ ވަނީ 2016، 2017 ވަނަ އަހަރުވެސް މި އެވޯޑަށް ނޮމިނޭޓުވެފައެވެ. ރޮނާލްޑޯ ވަނީ އެންމެފަހުން އިޓާލިއަން ލީގު ޔުވެންޓަސްއަށް ހޯދައިދީފައެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ކުޅުނު 46 މެޗުން 37 ގޯލު ޖަހާފައެވެ.
ފީފާއިން ހޮވާ އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ހޮވިފައިވަނީ އިގިރޭސި ކުލަބު މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ލޫސީ އެވެ.

ފީފާގެ އެންމެ މޮޅު ކޯޗުގެ މަޤާމު ފުރަތަމަ ފަހަރަށް ކާމިޔާބު ކުރީ 30 އަހަރުފަހުން ލިވަޕޫލްއަށް މިދިޔަސީޒަންގައި އިނގިރޭސި ލީގު ތަށި ހޯދައިދިން ޖަރުމަން ކޯޗު ޔާގޮން ކުލޮޕްއެވެ.

އެންމެ މޮޅު ގޯލަށް ދޭ ފީފާ ޕުސްކަސް އެވޯޑު ހާސިލްކުރީ ޓޮޓެންހަމް ހޮޓްސްޕާސްގެ ތަރި ސޮން ހެއުން މިން އެވެ. އޭނާއަށް މި އެވޯޑް ލިބުނީ މިދިޔަ ސީޒަނުގައި ބާންލީއާ ދެކޮޅަށް ޖެހި ހިތްގައުމު ގޯލުންނެވެ.

އެންމެ މޮޅު ގޯލް ކީއްޕަރަކަށް ހޮވިފައިވަނީ ޖަރުމަނުގެ ބަޔާން މިޔުނިކުގެ ގޯލްކީއްޕަރު ނޯޔާރ އެވެ.

ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ހޮވާ ފީފާ ޕްރޯ އިލެވެންގައި ހިމެނުނު ކުޅުންތެރިންނަކީ، ގޯލްކީޕަރަކަށް، ލިވަޕޫލްގެ އެލިސަން ބެކާ، ލިވަޕޫލްގެ ޑިފެންޑަރ އެލެގްޒެންޑާ އާނޯލްޑް، މެޑްރިޑްގެ ޑިފެންޑަރ ސާޖިއޯ ރާމޯސް، ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކް، ބަޔާން މިއުނިކްގެ ޑިފެންޑަރ ޑޭވިސް، މެންޗެސްޓަރ ސިޓީގެ މިޑްފިލްޑަރ ކެވިން ޑެބުރޫން، ލިވަޕޯލްގެ މިޑްފިލްޑާ ތިއޭގޯ އަލްކާޓްރާ، ބަޔާން މިއުނިކްގެ މިޑްފިލްޑަރ ކިމިޗް، ބާސެލޯނާގެ ފޯވާޑް، ލައޮނަލް މެސީ، ޖުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން، ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓޯ ލެވަންޑޯސްކީއެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ފެށުމަށްފަހު ފީފާއިން ގެނައި އެންމެ ބޮޑު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާނީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ދެން ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވޭ ނޫސްވެރިންނެވެ.
ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް، 2010ން 2015ށް ފީފާއިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑާ ގުޅިގެންނެވެ. މި އަހަރުގެ ބަލޮންޑޯ އެވޯޑް ވަނީ ކެންސަލް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ