އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) އަށް ލިބިވަޑައިގެންފިއެވެ.
އޭޝިއާގެ ކުޅިވަރަށް ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކުރާ މީހުންނަށް އޭޝިއާގެ އޮލިމްޕިކުގެ އެންމެ މަތީ ޖަމިއްޔާ އިން ދޭ މި ޝަރަފް މީގެ ކުރިން ލިބިވަޑައިގެންނެވި ދިވެއްސަކީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލެވެ.
އެވޯޑް ހަވާލުކުރުން އޮތީ އޮމާނުގައި މިހާރު ކުރިއަށްދާ އޯސީއޭގެ އަހަރީ އާއްމު ޖަލްސާގައި އެވެ. ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދާފައިވާ ހަސަން ސާއިދު ޖެމެއިކާގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރަށް ފޮނުވީ މަރުޒޫގު އިސްކޮށް ހުންނަވައި ރޭވި ޕްރޮގްރާމެއްގެ ދަށުންނެވެ.
މަރުޒޫގުގެ ޕްލޭންތަކާއެކު މިދިޔަ ދެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.
މަރުޒޫގު އެންމެ ފުރަތަމަ ފާހަގަކުރެވުނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި އައިލެންޑް ފުޓްބޯލް ކްލަން (އައިއެފްސީ) އަށް ކުޅުއްވައިފަ އެވެ. އޭގެ ފަހުން ވިޔަންސާގެ ވަގުތީ ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ. އަދި އޮލިމްޕިކް ކޮމިޓީގެ މަގާމަށް އިންތިހާބުވުމުގެ ކުރިން ވިކްޓްރީގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރެއްވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 2009 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި މަރުޒޫގު މިހާރު ފުރުއްވަމުން އަންނަނީ ތިން ވަނަ ދައުރެވެ.
ކޮމެންޓު ފޮނުވާ