އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ރާޖަސްތާނުގެ ޖައިޕޫރުގައި ބުރާސްފަތި ދުވަހު ރޯޑް ޝޯއެއް ބާއްވައިފި އެވެ.
ފްރާންސްގެ ލީޑަރު އިންޑިއާއަށް ވަޑައިގެންނެވީ މޯދީގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ.
ރާޖަސްތާނުގެ ޖައިޕޫރުގައި ބޭއްވި ރޯޑް ޝޯގައި ބޮޑުވަޒީރު މޯދީ އާއި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން އަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި މެކްރޮންވަނީ އޭނާއަށް މަރުހަބާ ކިއުމަށް އެތަނަށް އެއްވެ ތިބި މީހުންނާ ދިމާލަށް އަތުން އިޝާރާތްކޮށް ހަނާ އަޅުއްވާފައެވެ.
ރޯޑް ޝޯއަށްފަހު މޯދީ އާއި ފަރަންސޭސި ރައީސް ވަނީ ހަވާ މަހަލްއަށް ޒިޔާރަތް ކުރައްވާފައެވެ. "ޕެލެސް އޮފް ބްރީޒް" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ހައްވާ މަހަލް އަކީ 1799 ވަނަ އަހަރު ޖައިޕޫރުގެ ރޯޔަލް ސިޓީ ޕެލަސްގެ އެކްސްޓެންޝަނެއްގެ ގޮތުގައި ހަދާފައިވާ ތަނެކެވެ.
ރޯޑް ޝޯގެ ކުރިން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ޖައިޕޫރުގެ ޕިންކް ސިޓީގެ ޖަންތަރް މަންތާރަށް ވަޑައިގެންފަ އެވެ. ޖަންތަރު މަންތާރުގައި ބޮޑުވަޒީރު މޯދީ އަށް ހޫނު މަރުހަބާއެއް ދެންނެވި މަންޒަރު ވަނީ ފެނިފަ އެވެ. ދެ ބޭފުޅުން ވެސް އެކަކު އަނެކަކަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެއަށްފަހު ދެބޭފުޅުންވަނީ ޖަންތަރު މަންތާރު ބައްލަވާލައްވާފައެވެ. ޖަންތަރް މަންތަރަކީ މަހާރާޖާ ސަވާއީ ޖައި ސިންގް އުފައްދަވާފައިވާ މަޝްހޫރު ސޯލާ އޮބްޒަވޭޓަރީއެކެވެ. މިއީ ދުނިޔޭގެ ތަރިކައިގެ ތަނެއްގެ ގޮތުގައި ޔުނެސްކޯއިން 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަނޑައަޅާފައިވާ ތަނެކެވެ. މީގެ ކުރިން މެކްރޮން ވަނީ ރާޖަސްތާނުގެ ޖައިޕޫރުގެ އަންބަރ ފޯޓަށް ވަޑައިގެންފަ އެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެތަނަށް އެއްވި ސްކޫލް ދަރިވަރުންނާ ވެސް މެކްރޮން ބައްދަލުކުރެއްވި އެވެ.
ފަރަންސޭސި ރައީސް އިންޑިއާގެ ރެޑްފޯޓްއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ރާޖަސްތާނުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ދިއާ ކުމާރީ ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ފަރަންސޭސި ރައީސް އެވެ. މެކްރޮންގެ މި ދަތުރުފުޅަކީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފްރާންސުން ބައިވެރިވި ހަ ވަނަ ފަހަރެވެ.
މެކްރޮން އިންޑިއާއަށް މި ވަޑައިގެންނެވީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ފްރާންސްގެ ބެސްޓިލް ޑޭގައި މޯދީ ޕެރިހަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. ފަރަންސޭސި ވިލާތުގެ ރައީސް ޖައިޕޫރަށް ވަޑައިގެންނެވީ އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ކޮމެންޓު ފޮނުވާ