ހައިކޯޓުން ކުރާ ޙުކުމްތައް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ގޮތަށް ސްޕްރީމް ކޯޓުން ޤަވާއިދެއް އެކުލަވާލައިފި އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ގަވާޢިދު" އެކޯޓުން މިއަދުވަނީ އާންމުކޮށްފައެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި، އެ ކޯޓުން މައްސަލަ ބަލައިގަތުމާއި، އެ ކޯޓުގައި މައްސަލަ ހިންގުމާއި، މިނޫންވެސް ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީޢަތްތަކާއި ބޭއްވޭ އަޑުއެހުންތަކާ ގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ބަޔާންކުރާ ޤަވާއިދެވެ.
މި އޮކްޓޫބަރު މަހުގެ ދިހައެއްވާ ހޮނިހިރު ދުވަހު ޢަމަލުކުރަން ފަށާ ސުޕްރީމް ކޯޓުގެ މި އައު ޤަވާއިދާއެކު، ކުރިން ސުޕްރީމް ކޯޓުން ޢަމަލުކުރަމުން އައިގޮތްތަކަށް ގިނަ ބަދަލުތަކެއް އަންނާނެކަމަށް އެކޯޓުން ވިދާޅުވިއެވެ. އެ ގޮތުން، ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ސުޕްރީމް ކޯޓަށް ހުށަހެޅޭ ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ބަލައި އިޖުރާޢީގޮތުން ގޮތެއް ކަނޑައެޅުން ފަދަ ބަދަލުތައް މި ޤަވާއިދުގައި ވަނީ ހިމެމަނާފައެވެ.
އެޤަވާއިދު ބުނާ ގޮތުން ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގެ ޙުކުމާމެދު، ނުވަތަ އެ ކޯޓުން ކުރާ އަމުރަކާމެދު ނުވަތަ ނިންމާ ނިންމުމަކާމެދު ސުޕްރީމް ކޯޓަށް ޤަބޫލު ކުރެވޭފަދަ ސަބަބުތަކެއް ހުށަހަޅައިފިނަމަ، އެ ޙުކުމެއް ނުވަތަ އެ އަމުރެއް ނުވަތަ އެ ނިންމުމެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.
ނަމަވެސް މިގޮތަށް ސުޕްރީމް ކޯޓުން ޢަމަލު ކުރާނީ، އެ ޙުކުމެއް ނުވަތަ އެ އަމުރެއް ނުވަތަ އެ ނިންމުމެއް ބެލުމަށްފަހު އެކަމެއް ތަންފީޒުނުކޮށް ވަގުތީގޮތުން ހިފެހެއްޓުން ރަނގަޅު ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ފެނިއްޖެ ހިނދެއްގައި ކަމަށް ވެސް ސުޕްރީމް ކޯޓުން ދެންމެ އާއްމުކުރި ޤަވައިދުގައި ބުނެފައި ވެއެވެ. މިގޮތުން، ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދޭނަމަ އެދެންވާނީ ސުޕްރީމް ކޯޓުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުން ކަމަށް ވެސް ޤަވާއިދުގައި ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުން މިއަދު އެކޯޓުގެ އާޤަވައިދު އާއްމު ކުރިއިރު ވަނީ ޤަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ ކުރިން ސުޕްރީމް ކޯޓު ހިންގުމުގައި އަމަލު ކުރަމުން އައީ 2009 ވަނަ އަހަރުގެ މެއި މަހު އާއްމުކުރި ޤަވާއިދަކަށެވެ. އެޤަވާއިދުގައި ހައި ކޯޓުގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ބުނެފައެއް ނޯވެއެވެ.
21 ބައިގެ މައްޗަށް އެކުލަވާލައި ޖުމްލަ 161 މާއްދާ ހިމެނޭ މި ޤަވާއިދުގެ ދަށުން އައު ފޯމުތަކެއްވެސް އެކޯޓުންވަނީ ތަޢާރަފުކޮށްފައެވެ. އޭގެތެރޭގައި ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭނެކަމަށް ކަނޑައަޅާފައިވާ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމާއި، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމާއި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދޭ ފޯމު، ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބާޠިލުކުރުމުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ފޯމު، މައްސަލައިގައި ހާޒިރުވާ ފަރާތް ރަށުން ބޭރަށް ފުރައިގެން ދާކަން އަންގާ ފޯމުގެ އިތުރުން ކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ފޯމުވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ