އެމްޑީޕީގެ އެއްވެސް މެމްބަރަކު މާޔޫސްވިޔަކަ ނުދޭން: އާޒިމް

އެމްޑީޕީގެ އެއްވެސް މެމްބަރަކު މާޔޫސްވިޔަކަ ނުދޭން: އާޒިމް

ކުރިޔަށް މޭޔަރ ޓާރމްގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު މާޔޫސް ވިޔަކަ ނުދެއްވާނެ ކަމުގައި، މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމް މިހެން ވިދާޅުވީ މާލޭގެ މޭޔަރ ބައި އިލެކްޝަންގައި މޭޔަކަށް އެމްޑީޕީގެ ކެނޑިޑޭޓް އިންތިޚާބުވުމުގައި އުފަލުގައި ސަލްޓަން ޕާކުގައި މިހާރު ކުރިޔަށްދާ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ ދޯންޏަކަށް ލާފައި "ތެޅެމުން ތެޅެމުން" އެހެން ތަނަކަށް ދިޔަ ނުދެއްވާނެކަމަށާއި، ބުރިޖަކުން ދެވޭ ހިސާބުގައި ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައެވެ. އަދި އާޒިމްވަނީ ބުރިޖުތަކުން ގުޅިފައިވާ އަވަށްތަކުގައި ރައްޔިތުންނަށް ދިރިއުޅެވޭނެގޮތް ހައްދަވާ ދެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ހަމައެއާއެކު ފްލެޓާއި ގޯތި ދިނުންވެސް އަވަސްކުރުމަށް އާޒިމްވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އާޒިމް ވިދާޅުވީ އެހެންނަމަވެސް، ސަރުކާރުން ބޯހަރު ވެއްޖެނަމަ އެމްޑީޕީންވެސް ބޯހަރު ކުރާނެ ކަމަށާއި، ސަރުކާރުން ދޫ ނުދީފިނަމަ އޭނާ އެކަމަށްޓަކާ ނުކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެކަމަށާއި، އެކަމަށްޓަކާ ކުރެވެން ހުރި ހުރިހަ މަސައްކަތެއް ކޮށްދެއްވާނެ ކަަމަށެވެ.

މާލޭސިޓީ މޭޔަރުކަމަށް އާޒިމް އިންތިޚާބުވެވަޑައިގެންނެވީ ވޯޓުލީ މީހުންގެ %45 އާއެކުއެވެ. އާޒިމްއާ އެންމެ ކައިރިން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، އާޒިމް ވަނީ 7،621 ވޯޓު ހޯއްދަވައިފައެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ 54،680 މީހުންގެ ތެރެއިން ވޯޓުލާން ނުކުތް 17،500 މީހުންގެ ތެރެއިންނެވެ.

މޭޔަރުކަމަށް އާޒިމްގެ އިތުރުން ވާދަކުރެއްވި ބޭފުޅުންގެ ނަތީޖާތައް:

  • އާއިޝަތު އާޒިމާ ޝަކޫރު – ޕީއެންސީ – ލިބުނު ވޯޓު: 5،032
  • ޝުއައިބު އަލީ (ފުރަހަނި) – އަމިއްލަ ގޮތުން – ލިބުނު ވޯޓު: 125
  • ހުސައިން ވަހީދު – ޕީއެންއެފްގެ ތާއީދާއެކު އަމިއްލަ ގޮތުން – ލިބުނު ވޯޓު: 1،888
  • މުހައްމަދު ސައިފް ފާތިހު – ދަ ޑިމޮކްރެޓްސް – ލިބުނު ވޯޓު: 2،336

 އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދު ވުމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް ފާޅުކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *