މި ދުވަސްވަރު ރާއްޖޭގައި މޫސުމީ ރޯގާއާއި ބޭރަށްހިންގުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ ހަފުތާއިން ފެށިގެން ހޮޑުލުމާއި ބޭރަށްހިންގުމުގެ ކޭސްތައް ރިޕޯޓު ކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި، މި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޢާންމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ސައިބޯނިލައިގެން ޤަވާއިދުން ރަނގަޅަށް އަތްދޮވުމަށާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ދުވާލުގެ އެކި ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ މާސްކު އެޅުމަށާއި، ބަލިވެ އުޅޭނަމަ ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށް އަރާމު ކުރުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން، ބޭރަށްހިންގުން ޖެހިއްޖެ ނަމަ ގޭގައި ކުރެވިދާނެ މުހިންމު ކަންތައްތަކެއް ވެސް އެޗްޕީއޭއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، ގިނަގިނައިން ލޮނުޕެކެޓާއި، ފެނާއި، ސޫޕު ފަދަ ދިޔާތަކެތި ބޭނުންކުރުމަށާއި، ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާޚާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށް ވަނީ ބާރުއަޅައިފައެވެ. އަދި ބަލީގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ދަރިވަރުން ސްކޫލަށް ނުފޮނުވުމަށާއި، ވަޒީފާތަކަށް ނުނިކުމެ ގޭގައި އަރާމު ކުރުމަށް ވެސް އެޗްޕީއޭއިން އެދިފައިވެއެވެ.
ބަލީގެ ސަބަބުން މާ ބޮޑަށް ވަރުދެރަވެ، ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުމާއި، އާދަޔާ ޚިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމުގެ އިތުރުން މާ ގިނައިން ހޮޑުލެވޭ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ