މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީ – އެއީ އިންކަމް ޓެކްސް ދައްކަން ޖެހޭ މިންވަރު – ލިބޭ 60،000 އަށްވުރެ ގިނަ ފަރުދުން ރާއްޖޭގައި އެބަ ތިއްބެވެ.
މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު އިންކަމް ޓެކްސް ދައްކާ 86،637 ފަރާތެއް ރަޖިސްޓަރީވެފައި ވެއެވެ. މީގެ ތެރެއިން 60،489 ފަރާތަކީ ފަރުދީ ގޮތުން ރަޖިސްޓަރީވެފައިވާ ޓެކްސް ދައްކާ ފަރާތްތަކެވެ. މީގެ ބޮޑު ބަޔަކީ އަމިއްލަ ވިޔަފާރީގެ ޒަރީޢާއިން މަތީ އާމްދަނީ ހޯދާ ފަރުދުންނެވެ. ވަޒީފާގެ މުސާރައިން ޓެކްސް ދައްކަނީ 23،098 ފަރާތުން ކަމަށާއި، ބާކީ ފަރާތްތައް ޓެކްސް ދައްކަނީ ވިޔަފާރީގެ މަތީ އާމްދަނީގެ ސަބަބުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު ފަރުދީ އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 172 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މި ޓެކްސް ތަޢާރަފު ކުރި 2020 ވަނަ އަހަރު ލިބުނު 41 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިއާއެކު، ފަރުދީ އިންކަމް ޓެކްސްގެ އާމްދަނީ ތިން އަހަރު ދުވަހުގެ ތެރޭގައި ތިން ގުނަ ބޮޑުވެފައި ވެއެވެ. ނަމަވެސް، އިންކަމް ޓެކްސް ދައްކާ އެންމެ ބޮޑު ބަޔަކީ ފަރުދުން ކަމުގައި ވިޔަސް، ދައުލަތަށް ލިބޭ ޖުމްލަ އިންކަމް ޓެކްސްގެ 5.2 ބިލިޔަން ރުފިޔާގެ ތެރެއިން ފަރުދީ ޓެކްސް ހިއްޞާ ކުރަނީ އެންމެ ތިން އިންސައްތައެވެ.
މި މަތީ އާމްދަނީ ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުރިހަމަ ޚިދުމަތް ދިނުން ހުއްޓާލުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މި އޮކްޓޯބަރު މަހުން ފެށިގެން އިންކަމް ޓެކްސް ދައްކާ މިންވަރަށް އާމްދަނީ ލިބޭ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭނީ ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ އުޞޫލުންނެވެ. މި ބަދަލުގެ ސަބަބުން އަންނަ އަހަރު ދައުލަތުން 287 މިލިޔަން ރުފިޔާ ސަލާމަތްކުރެވި، އެ ފައިސާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ