ވިއްސާރައިގައި އައްޑޫ ލިންކު ރޯޑު ނުރައްކާތެރި ޙާލަތަކަށް، ދަތުރު ނުކުރުމަށް އަންގައިފި

ވިއްސާރައިގައި އައްޑޫ ލިންކު ރޯޑު ނުރައްކާތެރި ޙާލަތަކަށް، ދަތުރު ނުކުރުމަށް އަންގައިފި

Author
އަހުމަދު
13 ސެޕްޓެމްބަރ 2026 01:46
0

މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ލިންކު ރޯޑުގެ ޙާލަތު ނުރައްކާތެރި ޙާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ މަގުން ދަތުރު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުއްޓާނުލައި ކުރަމުންދާ މި ވިއްސާރައިގައި، އައްޑޫގެ އިތުރުން ފުވައްމުލައް، ގއ. އަދި ގދ. އަތޮޅާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވެސް ދަނީ ވިއްސާރަކުރަމުންނެވެ. މޫސުމާ ބެހޭ އިދާރާ (މެޓް) ގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މި ވިއްސާރައިގައި އެންމެ ބޮޑަށް އަސަރު ކުރަމުންދަނީ އައްޑޫއަށް ކަމަށާއި، އިއްޔެ ވެސް 100 މިލިމީޓަރުގެ ވާރޭ އެ ސިޓީއަށް ވެހިފައިވެއެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވާ ގޮތުން، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމަށްޓަކައި ޕަމްޕު ބެހެއްޓުމަށް އެކި ސަރަޙައްދުތަކުގައި މިހާރު ވަނީ ހޮޅި އަޅާފައެވެ. އަދި ލިންކު ރޯޑުގެ ޙާލަތު އިތުރަށް ގޯސްވެފައިވާތީ، މަގުތައް ބޭނުންކުރާ ފަރާތްތަކުން ސްޕީޑް މަޑުކޮށް، ފެންބޮޑުވެފައިވާ ސަރަޙައްދުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން އިލްތިމާސް ކުރެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ހާމަކުރި ގޮތުގައި، އައްޑޫގެ ފޭދޫއާއި މަރަދޫން 70 އަށްވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާއިރު، ބައެއް ގެތަކުގައި ދިރިނޫޅެވޭ ޙާލަތަށް ގޮސްފައިވުމުން ބައެއް މީހުން ވަގުތީ ހިޔާތަކަށް ވެސް ވަނީ ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.