ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ދިވެހިން ދައްކުވައިދީފައިވާ ފަދައިން، ކުރިއަށް އޮތް ތަނުގައި ވެސް މާތްވެގެންވާ އިސްލާމްދީނަށް އިޚްލާޞްތެރި އަދި ވަފާތެރި ބައެއްގެ ގޮތުގައި ދިވެހި އުންމަތް ދެމިއޮތުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ވޭތުވެދިޔަ ޒަމާންތަކުގައި ރާއްޖެއަށް ތަފާތު ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކާބަފައިން ވަނީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި އެއްވެސް ލޮޅުމެއް އެރިޔަނުދީ، ނުގުޑާ ފަދަ ވަރުގަދަ ޢަޒުމަކާއެކު ސާބިތުވެ ތިބެފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ އަޞްލާއި ދިވެހި ޤައުމިއްޔަތު އެކުލެވިގެންވަނީ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ މައްޗަށް ކަމަށާއި، މާޒީގައި ކާބަފައިން ދެއްކެވި ފުރިހަމަ ނަމޫނާއިން ޢިބްރަތް ޙާޞިލުކޮށް، އަންނަން އޮތް ޖީލުތަކަށް ވެސް މި މަތިވެރި ހިދާޔަތް ވާޞިލުކޮށްދިނުމަށާއި، އިސްލާމްދީނުގެ ޙައްޤުގައި ސާބިތުކަމާއެކު މަސައްކަތް ކުރުމަށް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސް މައުމޫން ވަނީ ނަޞޭޙަތްތެރިވެ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ