އދ.ގެ ސަލާމަތީ މަޖިލީސް އިޞްލާޙުކުރުމުގެ މަސައްކަތް އިތުރަށް ލަސްނުކުރެވޭނެ ކަމަށާއި، އިންޑިއާ ފަދަ ކުރިއަރަމުން އަންނަ ބާރުތަކަށް އެ މަޖިލީހުގައި ދާއިމީ ގޮނޑިތައް ދޭންޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ނިއު ދިއްލީގައި ހޮނިހިރު ދުވަހު ފެށި ބްރިކްސް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ޢާލަމީ މައްސަލަތަކުގައި ޖަނޫބީ ދުނިޔޭގެ ޤައުމުތައް ފުރަތަމަ ސަފުގައި ތިބިކަމުގައި ވިޔަސް، ނިންމުންތައް ނިންމުމުގައި އެ ޤައުމުތައް ފަހަތު ސަފުގައި ބޭތިއްބިފައިވާ ކަމަށެވެ. "މި ޕިރަމިޑް ޙައްޤުތަކާއި ފުރުޞަތުތަކުގެ ޕްލެޓްފޯމަކަށް ބަދަލުކުރަން ޖެހޭ – ކޮންމެ ޤައުމަކަށްވެސް އަޑެއް، ކޮންމެ މެންބަރަކަށްވެސް ޙިއްޞާއެއް އޮންނަ ޕްލެޓްފޯމަކަށް،" މޯދީ ވިދާޅުވިއެވެ.
މޯދީ އިތުރަށް ވިދާޅުވީ، "މި ބްރިކްސް ސަމިޓުގެ މެސެޖު ސާފުވާންޖެހޭނެ: އަޅުގަނޑުމެންގެ މުސްތަޤުބަލު ޙިއްޞާކުރެވޭނަމަ، އެ މުސްތަޤުބަލު ބައްޓަންކުރުމުގެ ޙައްޤުވެސް ޙިއްޞާކުރަންޖެހޭނެ" ކަމަށެވެ. މިއީ ސަލާމަތީ މަޖިލީހުގައި ދާއިމީ ގޮނޑި ހޯދުމަށް އިންޑިއާއިން ދިގު މުއްދަތަކުއްސުރެ ކުރަމުން އަންނަ ޑިމާންޑެއް އަލުން ތަކުރާރުކުރެއްވުމެވެ.
މީގެ އިތުރުން، ބްރިކްސް ޖަމާޢަތުގެ އެއްބައިވަންތަކަން ޢަމަލީ ނަތީޖާތަކަކަށް ބަދަލުކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި، ދުނިޔޭގެ ނިޒާމު އިޞްލާޙުކުރުމުގެ މިޞްރާބުވެސް ބްރިކްސް ޤައުމުތަކުން ކަނޑައަޅަން ޖެހޭ ކަމަށް މޯދީ ވިދާޅުވިއެވެ. މި ސަމިޓުގައި ބްރިކްސްގެ މެންބަރު ޤައުމުތަކުން ގުޅިފައިވާ އިޢުލާނަކަށް އެއްބަސްވެފައިވާއިރު، ސަމިޓުގައި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން، ޗައިނާގެ ރައީސް ޝީ ޖިންޕިންގ، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން، ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަޕޯސާ އަދި އަބޫދާބީގެ ވަލީއަޙުދު ޝައިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އާލް ނަހްޔާން ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ބްރިކްސް ޖަމާޢަތުގައި ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ، ދެކުނު އެފްރިކާ، މިޞްރު، އެތިއޯޕިއާ، އިންޑޮނީޝިއާ، އީރާން އަދި ޔޫ.އޭ.އީ ހިމެނޭއިރު، މި ޤައުމުތަކުގައި ދުނިޔޭގެ އާބާދީގެ 40 އިންސައްތައަށްވުރެ ގިނަ ޢަދަދެއް ދިރިއުޅޭކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ