އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ޤައުމުތަކުގެ ޖަމާޢަތެއް ކަމަށްވާ BRICS އިން ހޮނިހިރު ދުވަހު ބޭއްވި ސަމިޓުގައި، މެދުއިރުމަތީގައި ބޮޑުވަމުންދާ ނުތަނަވަސްކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ހުއްދަ ނުހޯދައި ޤައުމުތަކުގެ މައްޗަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރިކޮށްފިއެވެ.
ނިއު ދިއްލީގައި ބޭއްވި މި ސަމިޓުގައި އީރާނުގެ ރައީސް މަސްޢޫދު ޕަޒަޝްކިޔާން، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައިވެރިވެވަޑައިގެންނެވިއެވެ. ސަމިޓުން ނެރުނު ޖޮއިންޓް ބަޔާނުގައި، އދ. ގެ އެޓޮމިކް އެނަރޖީ އެޖެންސީގެ ބެލުމުގެ ދަށުގައި ހުރި ނިއުކްލިއަރ ފެސިލިޓީތަކާއި، ޢާންމުންގެ ބިނާތަކަށް "ގަސްދުގައި ދޭ ހަމަލާތައް" ކުށްވެރިކޮށްފައިވެއެވެ. މިއީ އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކަށް ދިން ނުސީދާ ފާޑުކިޔުމެއް ކަމަށް ބެލެވެއެވެ.
ސަމިޓުގައި ވާހަކަދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، BRICS އަކީ އެއްވެސް ފަރާތަކާ ދެކޮޅު ޖަމާޢަތެއް ނޫން ކަމަށާއި، ދުނިޔޭގެ ކަންކަން ބައްޓަން ކުރުމުގައި ދެކުނުގެ ޤައުމުތަކުގެ ދައުރު ފުޅާވާން ޖެހޭ ކަމަށެވެ.
ޕޫޓިން ވިދާޅުވީ ދުނިޔެ މަލްޓިޕޯލަރ ނިޒާމަކަށް ބަދަލުވަމުން އަންނައިރު، "ކޮލޯނިއަލް ވިސްނުމުގައި" ތިބި ޤައުމުތަކުން ޓެރިފް، ދަތިކުރުމުގެ ފިޔަވަޅު އަދި ބާރުގެ ބޭނުންކޮށްގެން މިކަން ހުއްޓުވަން މަސައްކަތް ކުރާ ކަމަށެވެ. އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާއަށް ބޮޑު ތަމްސީލެއް ދިނުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލިސް ފުޅާ ކުރުމަށްވެސް ޕޫޓިން ގޮވާލެއްވިއެވެ.
ޗައިނާގެ ރައީސް ޝީ ވިދާޅުވީ، މެދުއިރުމަތީގައި ސުލްހަ ޤާއިމު ކުރުމަށް BRICS ޤައުމުތަކާއެކު ޗައިނާއިން މަސައްކަތް ކުރާނެ ކަމަށާއި، މި ޖަމާޢަތުގެ ޤައުމުތަކުން ޤައުމުތަކުގެ ސިޔާދަތަށް އަރައިގަތުމާ ދެކޮޅު ހަދަންޖެހޭ ކަމަށެވެ. އީރާނުގެ ރައީސް ޕަޒަޝްކިޔާން އެދިވަޑައިގެންނެވީ، BRICS ޤައުމުތަކުގެ ވިޔަފާރީގައި އެ ޤައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރުން އިތުރުކޮށް، ހުޅަނގުގެ މާލީ ނިޒާމަށް ބަރޯސާވުން ކުޑަކުރުމަށެވެ.
BRICS އުފެއްދީ 2006 ވަނަ އަހަރު ބްރެޒިލް، ރަޝިއާ، އިންޑިއާ އަދި ޗައިނާއިންނެވެ. މިހާރު 11 މެންބަރު ޤައުމު ހިމެނޭ މި ޖަމާޢަތުން ދުނިޔޭގެ އާބާދީގެ ދާދި ދެބައިކުޅަ އެއްބައި ތަމްސީލު ކުރެއެވެ.
ކޮމެންޓު ފޮނުވާ