އެކަމަނާާއި ގުޅޭ ހިޔާނާތުގެ އެއްވެސް މައްސަލައެއް އެއްވެސް އިދާރާއެއްގައި ނޯންނާނެ ކަމަށާއި، އެހެންނަމަވެސް މޭޔަރުގެ މަގާމަށް ވާދަކުރައްވާ އޭނާގެ ވާދަވެރިއަކާ ގުޅޭ 22 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެބަ އޮތް ކަމަށް ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކުރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގަމާށާއި މެމްބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ރޭބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެހެންނަމަވެސް އާޒިމާ އިޝާރާތް ކުރެވީ ކުރިޔަށް އޮތް މޭޔަރ ބައި އިލެކްޝަންގައި ވާދަކުރާ ކޮން ކެނޑިޑޭޓަކަށްކަމެއް ވިދާޅުވެފައެއް ނުވެއެވެ. އާޒިމާގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުގައި ފުރަހަނި ޝުއައިބުއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، މޭޔަރުގެ މަގާމަށް އިންތިހާބު ކުރަންވާނީ މިހާރު މިއޮތް ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ މީހެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި މޭޔަރުކަމަށް ވަޑައިގަންނަވަންވާނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މީހެއްކަމަށް ވިދާޅުވަމުން އާޒިމާ ވިދާޅުވ އޭނާ އަބަދުވެސް މަސައްކަތް ކުރައްވާނީ ގަބޫލުކުރައްވާ ހަމަތަކުގެ މަތީގައި ހުންނަވައިގެން ކަމުގައެވެ.
އަދި އޭނާ ހުންނެވީ ސާބިތުކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވައިގެން ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
އަޅުގަނޑު މިހާރު މިހުރެ ދަންނަވަނީ އަޅުގަނޑަކީ ހަމަ ޔަގީނުން ވެސް، އަޅުގަނޑަކީ ތިން ސަރުކާރުގެ ވަޒީރުކަން ކޮށްފައި ހަތަރުވަނަ ސަރުކާރާއެކު މަސައްކަތް ކުރަން މި ފަށަނީ. އަޅުގަނޑުގެ އިހުލާސްތެރި ކަމަށް، ލޯޔަލްޓީއަށް މަސައްކަތުގެ ގާބިލުކަމަށް ސުވާލެއް ނުކުރެވޭނެ. ކުރެވޭނެ ޖާގައެއް އަޅުގަނޑު މިހާ ހިސާބަށް ދީފައެއް ނޯންނާނެ.
ރޭގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ