ވަރލްޑް ޓްރޭޑް އޯގަނިޒޭޝަން ވެރިއަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް!

ވަރލްޑް ޓްރޭޑް އޯގަނިޒޭޝަން ވެރިއަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް!

Author
ހުސެއިން
08 އޮކްޓޯބަރ 2020 10:12
0

ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާ (ވަރލްޑް ޓްރޭޑް އޯގަނިޒޭޝަން)ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ބޭއްވޭ އިންތިޚާބު އެންމެ ފަހުގެ މަރުހަލާއާއި ހަމައަށް އަތުވެއްޖެއެވެ.

އެންމެ ފުރަތަމަ އަށް ކެނޑިޑޭޓަކު ވާދަކުރި މިމަގާމުގެ އިންތިޚާބުގެ އެންމެ ފަހުގެ މަރުހަލާއާއި ހަމައަށް އައިއިރު ވާދަވެރިންގެ ގޮތުގައި ތިބީ އަންހެން ދެބޭފުޅެކެވެ. އެއީ ނައިޖީރިއާގެ ކުރީގެ ފިނޭންސް މިނިސްޓަރ ގޯޒި އޮކޮންޖޯ ވިއާލާ އާއި ދެކުނު ކޮރެއާގެ ޓްރޭޑް މިނިސްޓަރ ޔޫ ޔަންގހީ އެވެ. މިދެބޭފުޅުންގެ ތެރެއިން މިޖަމްއިއްޔާގެ އެންމެ އިސްމަގާމަށް އައްޔަން ކުރާނެ ބޭފުޅަކާއިމެދު މެމްބަރުންނަށް އެއްބަސްވުމަކަށް އާދެވިއްޖެނަމަ، މިއިންތިޚާބު ވެގެންދާނީ މިޖަމްއިއްޔާގެ ތާރީޚުގައިވެސް އަންހެން ބޭފުޅަކު މިމަގާމަށް އައްޔަން ކުރެވޭނެ ފުތަމަ ފަހަރު ކަމުގައެވެ.

ނައިޖީރިއާގެ އޮކޮންޖޯ ވިއާލާ އާއި ދެކުނު ކޮރެއާގެ ޔޫ އަކީވެސް ސިޔާސީ އަދި ބައިނަލް އަގުވާމީ ގޮތުން ތަޖުރިބާކާރު ދެބޭފުޅުންނެވެ. އެމެރިކާގެ ރައްޔިތުކަންވެސް އޮންނަ އޮކޮންޖޯ ވިއާލާ ވަނީ ދެފަހަރެއްގެ މަތިން ނައިޖީރިއާގެ ފިނޭންސް މިނިސްޓަރުކަން ކުރައްވާ އަދި ކުޑަދުވަސްކޮޅަކަށް ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ދިގު މުއްދަތެއް ވަންދެން ވަރލްޑް ބެންކުގައި އިކޮނޮމިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި އެ ޖަމްއިއްޔާގައި މަސައްކަތް ކުރައްވަމުން ޖަމްއިއްޔާގެ ދެވަނައަށް އެންމެ މަތީ މަގާމް ކަމުގައިވާ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމަށް ވަޑައިގެން އެމަގާމް ފުރުއްވާފައި ވެއެވެ. އެހެންނަމަވެސް ވަރލްޑް ބެންކުގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ ވަނީ ފެއިލްވެ ވަޑައިގެންފައެވެ. މިހާރު އެކަމަނާ ފުރުއްވަމުން ގެންދަވާ މަގާމަކީ ދުނިޔޭގެ ވެކްސިން އެލަޔަންސްގެ ބޯޑުގެ ޗެއަރމަންކަމުގެ މަގާމެވެ. ވަރލްޑް ޓްރޭޑް އޯގަނިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހޮވިވަޑައިގެންފިނަމަ އެކަމަނާ ވެވަޑައިގަންނަވާނީ އެފްރިކާ ބައްރުން މިމަގާމަށް ވަޑައިގަންނަވާނެ ފުރަތަމަ ބޭފުޅާއަށެވެ.

ދެކުނު ކޮރެއާގެ ޔޫ ފާހަގަ ކުރެވިފައިވަނީ ޓްރޭޑް ސްޕެޝަލިސްޓެއްގެ ގޮތުގައެވެ. ވަރލްޑް ޓްރޭޑް އޯގަނިޒޭޝަންގެ ޖެނެރަލް ކައުސިލަށް އެކަމަނާ ހުށަހަޅުއްވާފައިވާ ސްޓޭޓްމަންޓުގައި ވާގޮތުން އެކަމަނާ ޓްރޭޑްގެ ދާއިރާގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ އެޖަމްއިއްޔާ އުފަންވި އަހަރުގައެވެ. އެއީ1995 ގައެވެ. ޓްރޭޑްގެ ދާއިރާގައި މަސައްކަތް ކުރެވި މުއްދަތުގައި އެކަމަނާވަނީ ވިޔާފާރީގެ ދާއިރާގައި ދެކުނު ކޮރެއާއިން އެމެރިކާ އަދި ޗައިނާއާއިއެކު ކޮށްފައިވާ ގިނަ މަޝްވަރާތަކުގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ. މިގޮތުން ޓްރޭޑް އެގްރީމަޓްތަކާއި ގުޅުން ހުރި ގިނަ ދާއިރާތަކުގައި އެކަމަނާ ވަނީ ގިނަގުނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައެވެ.

ހަމަޖެހިފައިވާ ގޮތަށް އިންތިޚާބުގެ ކަންކަން ކުރިޔަށް ދާނަމަ އަންނަ ނޮވެމްބަރ މަހުގެ ކުރީކޮޅު މިމަގާމަށް ބޭއްފުޅަކު އައްޔަން ކުރެވިގެން ދާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.