ޤުރުއާން އަންދާލުން މަނާކުރާ ގާނޫނެއް ޑެންމާކުން ފާސްކޮށްފި

ޤުރުއާން އަންދާލުން މަނާކުރާ ގާނޫނެއް ޑެންމާކުން ފާސްކޮށްފި

އާންމު ތަންތަނުގައި ގުރުއާން ރޯކޮށްލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅައި، ޑެންމާކުގައި ކުރި މުޒާހަރާތަކުގައި އިސްލާމް ދީނުގެ މަތިވެރި ފޮތް އަންދާލުމާ ގުޅިގެން މުސްލިމް ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ގާނޫނެއް ފާސްކޮށްފި އެވެ.

ޑެންމާކާއި ސްވިޑެންގައި އިސްލާމްދީނާ ދެކޮޅު އެކްޓިވިސްޓުން ވަނީ ގުރުއާނުގެ ކޮޕީތައް އަންދާލައި ނުވަތަ ހަލާކުކޮށްލުމައި ގުޅިގެން، ނޯޑިކް ބައްރުގެ ސަރުކާރުތަކުން ވަނީ އެކަން މަނާކުރުމަށް ގޮވާލާފައެވެ.

ޑެންމާކުގެ ޖަސްޓިސް މިނިސްޓަރު ޕީޓާ ހުމެލްގާޑް ވިދާޅުވީ ޖުލައި މަހުން ފެށިގެން ގުރުއާން ނުވަތަ ދިދަ އަންދާލުން ހިމެނޭ ގޮތަށް 500 އަށް ވުރެ ގިނަ މުޒާހަރާ ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. "މިފަދަ މުޒާހަރާތަކުގެ ސަބަބުން ޑެންމާކުން އެހެން ގައުމުތަކާ އޮންނަ ގުޅުމަށާއި، އަޅުގަނޑުމެންގެ މަސްލަހަތާއި އަދި އެންމެ ފަހުން އަޅުގަނޑުމެންގެ ސަލާމަތަށް ބުރޫ އަރާނެ،" ހަމެލްގާޑް ވިދާޅުވި އެވެ.

ޤުރުއާނުގައި ރޯކޮށްލުމުން އެގައުމަށް ބަދަލުހިފުމުގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް، ދީންތަކަށް ފާޑުކިޔުމުގެ ހައްގާއި ގައުމީ ސަލާމަތާ ގާނޫނު އަސާސީން ހިމާޔަތްކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެމެދު ބެލެންސެއް ގާއިމް ކުރަން ޑެންމާކުން މަސައްކަތްކޮށްފައި ވެއެވެ.

ސްވިޑަން އާއި ޑެންމާކުގެ ދާޚިލީކަންކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ދީނަށް ފާޑުކިޔުމުގައި އެއްވެސް ހުރަހެއް އޮތުމަކީ، (އޭގެ ތެރޭގައި ޤުރުއާން އަންދާލުން ފަދަ ކަންކަން ހިމެނޭގޮތުން)، އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ލިބަރަލް މިނިވަންކަން (އެތައް މަސައްކަތަކުން ހޯދާފައިވާ ޚިޔާލުފާޅުކުރުމުހެ މިނިވަންކަން) ގެއްލޭ ކަމެއް ކަމަށެވެ. އިމިގްރޭޝަނާ ދެކޮޅު ޑެންމާކް ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު އިންގަރ ސްޓޮޖްބާގް ވިދާޅުވި ގޮތުގައި "ތާރީޚުން އަޅުގަނޑުމެންނަށް ހަރުކަށިކޮށް އިންސާފު ކުރާނެ" ކަމުގައެއެވެ.

ޑެންމާކުގެ ސެންޓްރިސްޓް ކޯލިޝަން ސަރުކާރުން ބުނަމުން ދަނީ އާ ގަވައިދުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރާނީ ވަރަށް ކުޑަ އަސަރެއް ކަމަށާއި އެހެން ގޮތްގޮތުން ދީނަށް ފާޑުކިޔުމަކީ ގާނޫނީގޮތުން ހުއްދަ ކަމެއް ކަމުގައެވެ.

ޑެންމަކުގެ ގާނޫނުހަދާ މަޖިލީހުގައި ފަސް ގަޑިއިރުގެ ބަހުސަކަށް ފަހު ވޯޓަށް އެހުމުން ބިލާ އެއްކޮޅަށް 94 މެމްބަރަކު ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ 77 މެންބަރުންނެވެ.

ފާސްކުރި ގާނޫނުގައިވާގޮތުން އާ ގާނޫނާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރުން ނުވަތަ ދެ އަހަރަށް ޖަލަށް ލުން ފަދަ އަދަބެއް އަންނާނެ އެވެ. ސްވިޑަންއިން ވެސް ދަނީ ޤުރުއާން އަންދާލުން ހުއްޓުވޭނެ ގޮތަކާ މެދު ވިސްނަމުންނެވެ. އެހެންނަމަވެސް މުޒާހަރާކުރުން މަނާކުރުމުގެ ބަދަލުގައި މުޒާހަރާގެ އުސޫލުތައް ނިންމުމުގައި ގައުމީ ސަލާމަތަށް ފުލުހުން ސަމާލުކަން ދޭންޖެހޭތޯ އެގައުމުން އަންނަނީ ބަލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *