ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްގޮތަށް ހިޔާ ފްލެޓްގެ ފިނިޝިން ފައިސާ ލިބޭނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ފަޒުލް ރޭ ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވައުދު ވެވަޑައިގެންނެވިގޮތަށް އެ ފައިސާ ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ހިޔާ ފްލެޓްގެ ފިނިޝިންއަށް ވާ ފައިސާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޭނެކަމަށް މުއިއްޒު ވަދުވެވަޑައިގަތީ ފާއިތުވި ރިޔާސީ ކެމްޕޭންގައެވެ. އެހެންނަމަވެސް އަންނަ އަހަރަށް އެކަށައެޅި ބަޖެޓްގައި އެފައިސާ ހިމަނާފައި ނުވާކަމަށް ބުނެ، އެފައިސާ މި ސަރުކަރުން ދެން ނުދޭނަކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ހިޔާ ފްލެޓް ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ލިފްޓުތައް ހަރުކުރުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ބަޖެޓްގައި ހިމަނާފަ އެވެ.
ކޮމެންޓު ފޮނުވާ