ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕާކްކޮށްފައި އޮންނަ ކާރުތަކަށް ގެއްލުންދޭ މައްސަލައެއް ބޮޑުވެއްޖެއެވެ.
އާންމުންގެ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވައްކަން ކުރުމުގެ ބޭނުމުގައި ކާރުތަކުގެ ބިއްލޫރި ތަޅައި މުދަލަށް ގެއްލުން ދިނުން މިހާރު އާންމުކަމަކަށް ވެފައިވާ ކަމަށެވެ. ފާއިތުވި ފަސް ދުވަހު ތިން ކާރަށް ގެއްލުން ދިން ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި އެންމެ ފަހުން ގެއްލުންދީފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގައި ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.
އޭނާ ބުނި ގޮތުގައި މިކަން ކުރެވެނީ ދެ ސަބަބަކާ ހުރެއެވެ. އެއީ ތަން އަނދިރިކޮށް އޮތުމާއި އެ ހިސާބުގައި އެއްވެސް ކެމެރާއެއް ބަހައްޓާފައި ނުވުމެވެ.
ފުލުހުންނަށް ފޯރިމަރަން 24 ގަޑިއިރު ނުތިބެވޭނެ ކަމަށާއި އެހެން ނަމަވެސް ތަނުގައި ބޮކި ހަރުކޮށް އެ ދިއްލޭ ވަރު ކުރުމަކީ މި ސަރުކާރަށް ފަސް އަހަރުވި އިރުވެސް ނުކުރެވިފައިވާ ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.
ފޭސް-2 ގެ މިސަރަހައްދުގައި ވައްކަން ކުރުމުގެ ބޭނުމުގައި ކާރުތަކުގެ ބިއްލޫރި ތަޅާ މުދަލައް ގެއްލުން ދިނުން މިހާރު އާންމު ކަމަކަށް ވެއްޖެއެވެ. ފާއިތުވި 5 ދުވަހު 3 ކާރަށް މިގޮތަށް ގެއްލުން ދީގެން ހަބަރު ލިބުނެވެ. އެންމެ ފަހުން ހަމަލާ ދިނީ ރޭގައެވެ.
މިކަން މިހެން ކުރެވޭ ސަބަބަކީ… pic.twitter.com/A4SHzCeQwi
— Midhuam Saud(米渡)🇲🇻 (@midh_am) November 6, 2023
އެހެންކަމުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވީހާވެސް އަވަހަށް އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ކެމެރާ ހަރު ނުކުރެވުނަސް ތަން ދިއްލާލެވޭވަރު ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވެ ދިރިއުޅެމުންދާތާ މިހާރު ތިން އަހަރުވެފައިވާއިރު އެ ސަރަހައްދުގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދެވިފައި ނުވާ ކަމަށް ބުނެ، އާންމުން ކުރަމުން އަންނަ ޝަކުވާތަކަށް އެއްވެސް ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ.