މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އަންނަ ހަފްތާގައި އިއުލާންކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުރުހަމާ މީހުންގެ ލިސްޓު މިސަރުކާރުން ނެރުނީ ފާއިތުވި އޮގަސްޓުމަހުގެ 8 ވަނަ ދުވަހުއެވެ. އެލިސްޓުގައި ހިމެނެނީ 15،046 މީހުންނެވެ. އެއީ އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނެވެ.
އެހެންނަމަވެސް ސަރުކާރުން ނިންމާފައިވަނީ ފުރަތަމަ ބުރުގައި ފްލެޓް ހަވާލުކުރާނީ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ 4،000 މީހުންނަށް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓްތަކުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ.
އޭގެ އިތުރަށް ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާއިވަނީ، 4،000 ހައުސިން ޔުނިޓް އެޅުމަށް ހަވާލު ކޮށްފައެވެ. މި ހައުސިން ޔުނިޓް އަޅަނީ ފަހިދިރިއުޅުން ކޯޕަރޭޝަންއިންނެވެ. އޭގެ އިތުރަށް 2،000 ޔުނިޓް އިމާރާތް ކުރުމަށް މިހާރުވަނީ ބަޔަކާ ހަވާލު ކޮށްފައެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ވިދާޅުވެފައިވަނީ ފްލެޓަށް ޝަރުތުހަމަވެފައިވާ މީހުންނަށް ފްލެޓް ދިނުމަށްޓަކާ އިތުރު ޔުނިޓްތައް އެޅުމަށް ބަހަކާ ހަވާލުކުރުމަށް މިހާރު ތައްޔާރުވަމުންދާކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ