ސަރުކާރުގައިތިބެ އަޅުގަނޑުމެންގެ އެހީގައި އެމްޑީޕީދަނީ ކަތިލަމުން: އާޒިމް

ސަރުކާރުގައިތިބެ އަޅުގަނޑުމެންގެ އެހީގައި އެމްޑީޕީދަނީ ކަތިލަމުން: އާޒިމް

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2020 12:32
0

ބޮޑު ކޯލިޝަނުން ސަރުކާރުގެ ތެރޭގައިތިބެ އެމްޑީޕީގެ އެހީތެރިކަމާއިއެކު އެމްޑީޕީ ކަތިލަމުންދާކަމުގައި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ނެރޭ ޚަބަރު ސިޓީގައި އާޒިމް ލިޔުއްވާފައިވާ ލިޔުމުގައި ވަނީ ސަރުކާރުގެ ކޯލިޝަނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ކޯލިޝަނުންގެ ވަޒީރުން ޚިދުމަތް ދެމުންދާ ގޮތާއިމެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ މިއަދު އެމްޑީޕީއާއި ޕާޓީއާ ދިމާލަށް ނަގަމުން އަންނަ ވިލާގަނޑުގެ ވަރުގަދަކަމާއި ބިންދާލަން ތައްޔާރުވަމުންއަންނަ ރާޅުގެ ބިޔަކަން ފެންނަމުންދާ މަންޒަރުތަކުން އިހުސާސް ކުރެވޭކަމަށެވެ.

މިއަދު ސައިހޮޓާތަކާ ހޮޅުއަށިތަކުގައި ތަކުރާރުކޮށް ދައްކަމުންދާ އެއްވާހަކަ. ނަތީޖާ އަކަށްވަނީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހެޔޮވެރިކަމެއް ގާއިވް ކުރުމަށް ޖާނާއި މާލުން ގުރުބާންވީ އެމް.ޑީ.ޕީ ގެ އާންމު މެންބަރު ބާކީވެ ވަގުމަތިވުން. ޕާޓީއާވެ މާޔޫސްވެ ފޫހި އަންނަ ރިޔާސީ އިންތިޚާބަށް އެމް.ޑީ.ޕީ ނިކުންނާނީ ވަކިންތޯ ނޫންނަމަ ކޯލިޝަނަކާ އެކީގައިތޯ މިއީ ވަރަށް އަވަހަށް ނިންމަންޖެހިފައިވާ މުހިންމު ނިންވުމެއް

– ޢަލީ އާޒިމް

އާޒިމް ވިދާޅުވީ ވާދަވެރި ޓީމްތަކުގެ ކުޅުންތެރިން ގޮވައިގެން މެޗް ކުޅެން އަރައިފިނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލްޖަހާތަން ފެންނަމުންދާކަމަށެވެ. އަދި ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މައިގަނޑު އެއް އަމާޒަކަށް ވާނީ އެ ޕާޓީއެއްގެ ވިސްނުމާއި ފިކުރު ރައްޔިތުންނަށް ހާމަކޮށްދީ ވެރިކަމަށް އައުމަށް މަސައްކަތް ކުރުން ކަމަށެވެ. މިއީ އެއްވެސް މީހަކަށް އޮޅިފައިވާނޭ ކަމެއްނޫން ކަމަށާއި، ސަރުކާރުން ވެރިކަމާ ހަވާލުވިތާ ދެ އަހަރާ ކައިރި ވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މަލަމަތި މިހާރުވެސް ފެންނަންފަށާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

މިއީ ކޯލިޝަން ސަރުކާރެއްނަމަ އަޅުގަޑަށް ސިފަވަނީ (ކޯލިޝަން އޮފް ދަ އިންވިލިންގް) ގެ ގޮތުގަ. ސިޔާސީ ގޮތުން ބަލާއިރު ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ އަމީން، މަލީހު ޖަމާލު، ޑރ.އިބްރާހީމް ޙަސަން، ޝައިޚް ޢިމްރާން އަބްދުﷲ، ޔުމްނާ މައުމޫން، އަޢިޝަތު ނަހުލާ، ޒަހާ ވަހީދު، ޑރ.ޙުސެއިން ރަޝީދު ޙަސަން، ޑރ.އަޙްމަދު ޒާހިރު، ޑރ.ޢަބްދު މަޢުސޫލް ފަދަ ބޭފުޅުން، މި ސަރުކާރަކީ ރައްޔިތުންނަށް ކަންކަން ކޮށްދޭ ހެޔޮ ސަރުކާރެއް ކަމަށް ދެއްކުމަށް މަސައްކަތް ކުރައްވަންވީ އެއްވެސް ސަބަބެއް އޮތްތޯ މިއީ މިއަދު ކޮށްލަން ބޭނުންވާ ކަމެއް. މިބޭފުޅުންގެ ދާއިރާތަކުގެ މަސައްކަތްތައް "އަމާ ބުނީތީ ފަރަށްދާ" އުސޫލުން ނުކުރެއެކޭ އަޅުގަނޑު ނުދަންނަވަން

– ޢަލީ އާޒިމް

ސަރުކާރުގެ ބައެއް އޮފީސްތަކާއި ބައެއް ކުންފުނިތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލަސްތަކެއް އުޅޭ ވާހަކަ މިއީ މިހާރު އަބަދު އިވޭވާހަކަ ކަމަށް އާޒިމް ވިދާޅުވިއެވެ. ވަޒީރުންގެ އިތުރުންވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައާއި ސަރުކާރު ކުންފުނިތަކުގެ އިސް މަގާމު ތަކުގައި ތިބި އެމް.ޑީ.ޕީ ނޫން ފަރާތްތައް މަސައްކަތްކުރަމުން ދާނީ އެފަރާތްތައް ނިސްބަތްވާ ޕާޓީ ވަރުގަދަކޮށް، ތަފާތު އިންތިޒާމްތައް ހަމަޖައްސައި 2023 ވަނައަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން އެ ޕާޓީގެ ފިކުރުގެ މީހުންނަށް ވަޒީފާތައް ދިނުމާއި ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ހަވާލުކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތަކުގައި ޤާއިމްވެފައި ހުރި ސަރުކާރު ހިއްސާވާ އިންޖީނު ގެއަކަސް، ފެނުގެ ޚިދްމަތްދޭ ތަނަކަސް ނޫންނަމަ މުއައްސަސާ އަކަސް، އެއޮއިވަރު އަދި ވަކީންގަދަ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބޮޑު ކޯލިޝަނަކާއިއެކު ވެރިކަމަށް އައުމަށްފަހު މިހާރު އޮތް ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން މަސައްކަތް ކުރެއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވިސްނުންފުޅުހުރީ ކޯލިޝަނާއިއެކު ވެރިކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ރާއްޖޭގެ ރިޔާސީ ނިޒާމުގެ ހަޔާތުގައި ރައީސް ޞާލިހުގެ ކޯލިޝަނަކީ އެންމެ ގިނަ ދުވަހަށް ރޫޅާ ނުލައި ކުރިއަށްދާ ކޯލިޝަންވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.